24 Jan 2016, 22:56
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން"ގެ ނަމަށް ބަދަލުކޮށް، އެ އިދާރާގެ މުވައްޒަފުންނަށް އާ ޔުނިފޯމްތަކެއް ތައާރަފްކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން 'މޯލްޑިވްސް އިމިގްރޭޝަން'އަށް ބަދަލުކޮށް، އާ ޔުނިފޯމްތައް ތައާރަފް ކުރީ ބަޔޯމެޓްރިކް ޕާސްޕޯޓާއި އޮޓޯ- ގޭޓް ތައާރަފް ކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
އިމިގްރޭޝަނުގެ މުވައްޒަފުންނަށް އާ ޔުނިފޯމް ތައާރަފް ކުރި އިރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ހުރިހާ ކަމަކަށް އެއް ޔުނިފޯމެއް ބޭނުންކުރުމުގެ ބަދަލުގައި ތަފާތު ކަން ކަމަށް ބޭނުންކުރާނެ ތަފާތު ޔުނިފޯމްތައް ހުރުމެވެ. އެގޮތުން އާއްމުކޮށް ޑިއުޓީގައި އުޅޭ އިރު ލާނެ ޔުނިފޯމަކާއި އޮޕަރޭޝަންތަކުގައި ލާނެ ޔުނިފޯމަކާއި ރަސްމިއްޔާތުތަކުގައި ލާނެ ޔުނިފޯމެއް މިރޭ ތައާރަފްކުރި އެވެ.
އިމިގްރޭޝަންގެ މުވައްޒަފުން އާއްމު ޑިއުޓީގައި ލުމަށް ތައާރަފްކުރީ ގަދަ ނޫކުލައިގެ ޔުނިފޯމެކެވެ. އަދި އޮޕަރޭޝަންތަކަށް ލުމަށް ތައާރަފްކުރީ ގަދަ ފެހިކުލައިގެ ޔުނިފޯމެކެވެ. އަދި ރަސްމިއްޔާތުތަކުގައި ލުމަށް ތައާރަފްކުރީ ކަޅުކުލައިގެ ޔުނިފޯމެކެވެ.
ޔުނިފޯމަށް އަނެއް ބަދަލަކީ ބޮލުގައި ތޮތްޕެއް ނުވަތަ ތާކިހަލެއް އަޅާ ގޮތަށް ޔުނިފޯމްތައް ފަރުމާކޮށްފައިވުމެވެ.
އިމިގްރޭޝަންގެ އާ ޔުނީފޯމް ފަރުމާކޮށްދީފައި ވަނީ ތ. ވިލުފުށީ، ދޫރެސް، އަހުމަދު ޝިޔާމެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.