އާލާސްކަންފުޅަކަށް އިންޑިއާގެ ޗެންނާއީ އެޕޯލޯ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ޙުސައިން މަނިކު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އެއްކޮށް ރަނގަޅުވުމުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ނިހާނު މިއަދު ވިދާޅުވެފައި ވަނީ ލަސްތަކެއް ނުވެ ރާއްޖެއަށް އެނބުރި ވަޑައިގެންނެވޭނެ ކަމަށެވެ.

"...އިރާދަކުރެއްވިއްޔާ ތިޔަ ހުރިހާ ފަރާތްތަކެއްގެ ހެޔޮ ދުއާ އާއެކު ފުރިހަމަ ސިއްހަތެއްގައި ލަސްތަކެއް ނުވެ އަޅުގަނޑު މުޅިން ރަނގަޅުވެ، ގައުމަށް އެނބުރި އާދެވޭނެ އެވެ،" ފޭސްބުކްގައި ނިހާނު ލިއުއްވި ދިގު ބަޔާނެއް ނިންމަވައިލައްވަމުން އޭނާ ލިއުއްވާފައި ވެއެވެ.

ނިހާނުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާގެ ހާލު ރަނގަޅުވާން ފެށީ އިންޑިއާގެ ޗެންނާއީ އެޕޯލޯ ހޮސްޕިޓަލުގައި އިތުރު ފަރުވާދޭން ފެށުމުން ކަމަށެވެ.

ނިހާނުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާއަށް އާލާސްކަންފުޅު ޖެހިވަޑައިގެންނެވުމުން އޭނާއަށް އެހީތެރި ވެވަޑައިގެންނެވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އެގޮތުން ލިއުއްވާފައިވާ ޝުކުރުގެ ދިގު ލިސްޓްގެ އެންމެ ކުރީގައި ވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ އިސްވެރިންނެވެ. ދެން ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލުކުރައްވާ ވިލިމާލެ ދާއިރާގެ ރައްޔިތުންނާއި ޕީޕީއެމްގެ އާއްމު މެމްބަރުންނަށް ވެސް އޭނާ ޝުކުރު އަދާކުރައްވާފައިވެ އެވެ. އޭނާގެ ބަލި ހާލަތާ ބެހޭ ހަބަރުތައް ލިއެ، ކިއުންތެރިންނާ ހަމައަށް ގެނެސްދިނީތީ ނޫސްވެރިންނަށް ވެސް ޝުކުރު އަދާކުރައްވާފައިވެ އެވެ.

ނިހާނަށް ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން އޭނާ އޭޑީކޭގެ އައިސީޔޫގައި އެޑްމިޓްކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އިތުރު ފަރުވާއަށް އޭނާ އިންޑިއާއަށް ވަޑައިގެންނެވީ މިމަހުގެ 19 ވަނަ ދުވަހުއެވެ.