މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ގދ. ފަރެސްމާތޮޑާ ޓީމާއި ދެކޮޅަށް ނުކުންނާނެ ޓީމަކަށް ސ. ފޭދޫ ޓީމު ވެއްޖެ އެވެ.

ފަރެސްމާތޮޑާ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ އިއްޔެ ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބ. އޭދަފުށި 4-2ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.

ފައިނަލްގެ ދެވަނަ ޖާގަ ފޭދޫއިން ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗުގައި ށ. ފޯކައިދޫ 1-5 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ.

އެގޮތުން އަމިއްލަ ސިޓީގައި ކުޅުނު އެ މެޗުގައި ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދާފައިވާ ފޭދޫ އިން މޮޅު ކުޅުމެއް ދެއްކި އިރު އެ ޓީމުގެ މަޚްދީ ހުސެއިން ވަނީ ފުރަތަމަ ހާފްގައި ތިން ގޯލު ކާމިޔާބް ކޮށް ހެޓްރިކެއް ވެސް ހަދާފައެވެ.

ފޭދޫގެ އަނެއް ދެ ގޯލު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިން އިބްރާހިމް މުހައްމަދު އާއި އިސްމާއިލް އަލީ ކާމިޔާބް ކޮށްދިން އިރު ފޯކައިދޫ އަށް ސުން ކަނޑުވާލަ ދިނީ ރަފީއު އެވެ.

އެ މުބާރާތުގެ ފައިނަލް މެޗުގައި މިމަހުގެ 27 ވަނަ ދުވަހު ފޭދޫ އިން ފަރެސްމާތޮޑާއާ ދެކޮޅަށް ނުކުންނައިރު ތިން ވަނަ ހޮވާ މެޗު އޮންނާނީ 26 ވަނަ ދުވަހު އެވެ. އެ މެޗުގައި ސެމީ ފައިނަލް ފުރަތަމަ މެޗުން ބަލިވި އޭދަފުށީ ޓީމާ ދެކޮޅަށް ނިކުންނާނީ މިއަދުގެ މެޗުން ބަލިވި ފޯކައިދޫ އެވެ.

މިނިވަން ފަންސާސް ޗެމްޕިއަންޝިޕަކީ މި ދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. ތިން ބުރަކަށް ބަހާލައިގެން ބާއްވާ އެ މުބާރާތުގައި ޖުމްލަ 79 ޓީމު ބައިވެރި ވެފައިވެއެވެ.