ދޮޅު އަހަރު ވަންދެން އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް އެޕާޓީގެ ކުރީގެ ނައިބުރައީސް އަލްހާން ފަހުމީ ސަސްޕެންޑްކޮށްފިއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އެގޮތަށް ނިންމީ 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކު ހުރި ދާއިރާއަކަށް އަލްހާން އަމިއްލަ ގޮތުން ކުރިމަތިލެއްވި މައްސަލަ ބެލުމަށް ފަހުގައެވެ. އޭނާ އަމިއްލައަށް ކުރިމަތި ލެއްވި ފޭދޫ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް ދީދީ އެވެ.

އަލްހާނާ މެދު އެޅި ފިޔަވަޅާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލެއްވި ކަމަށް އަލްހާން އެއްބަސްވެވަޑައިގެންނެވި ކަމަށާއި ނަމަވެސް މައްސަލަ ބަލާ ކޮމެޓީ ބަލައި ނުގަންނަވާ ކަމަށް ވިދާޅުވެ، ވާހަކަ ދެއްކެވުމަށް ފަހު ނުކުމެވަޑައިގެންނެވި ކަމަށެވެ.

އަލްހާން ފަހުމީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާއަށް ކުރިމަތި ލެއްވީ އެމްޑީޕީން އެދާއިރާއަށް ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީގައި އޮޅުވާލުންތަކެއް ހުރި ކަމަށް ވިދާޅުވުމަށް ފަހުގައެވެ. ޕްރައިމަރީ ބާތިލުކުރަން އެދި އޭނާ ސިވިލް ކޯޓަށް ހުށަހެޅުއްވި ނަމަވެސް އެކޯޓުން ނިންމީ ޕްރައިމަރީ ބާތިލުކުރަން ނުޖެހޭ ކަމަށެވެ.