25 Jan 2016, 09:08
ދުނިޔޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ހޯދާފައިވާ ބްރެޒިލްގް ފޯވާޑް ރޮނާލްޑީނިއޯ އިންޑިއާގައި ބާއްވާ ފުޓްބޯޅަ މުބާރާތެއް ޝަރަފްވެރި ކޮށްދިނުމަށް އެގައުމަށް ހިނގައްޖެއެވެ.
އަންނަ ފެބުރުއަރީ ފަސް ވަނަ ދުވަހު އިންޑިއާގެ ކެރެލާ ގައި ފަށާ ސެއިޓް ނަގްޖީ ޓްރޮފީ، މުބާރާތް ހުޅުވުމަށް ރޮނާލްޑީނިއޯ އިންޑިއާއަށް ގޮސްފައިވާއިރު އެ މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ 1995 ވަނަ އަހަރުއެވެ.
އެކާވީސް އަހަރަށް ފަހު އިންޑިއާގައި އެ މުބާރާތް އަލުން ބޭއްވުމަށް ތައްޔާރު ވަމުން އަންނަ އިރު މިއަދުގެ ވަގުތެއްގައި އެ މުބާރާތުގައި ވާދަ ކުރާނެ ޓީމްތައް ރަސްމީކޮށް ރޮނާލްޑީނިއޯ އިއުލާން ކޮށްދޭނެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ޓީމްތައް ބައިވެރިވާ އެ މުބާރާތުގައި އަޔަލޭންޑްގެ އެއް ވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ޝަމް ރޮކްރޯވާސްގެ އިތުރުން ޖަރުމަން ތިން ވަނަ ޑިވިޝަނުގައި ކުޅޭ ހެރެތާ ބީއެސްސީ ކުޅޭނެ ކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.
އެ ދެ ޓީމްގެ އިތުރުން ވެސް އިންޑީއާގެ އައި ލީގްގެ ބައެއް ޓިމްތަކާއި 23 އަހަރުން ދަށުގެ ގައުމީ ޓީމް އެ މުބާރާތުގައި ކުޅޭނެ ކަމަށް އިންޑިއާގެ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭ އެ މުބާރާތް 15 ދުވަހަށް ދިގުދެމިގެންދާ އިރު އިންޑިއާއިން އަންނަނީ އެ ގައުމުގެ ފުޓްބޯޅަ ސަރަހައްދީ ރޮނގު ހުރަސްކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ގިނަ މަސަތްކަތް ތަކެއް ކުރަމުންނެވެ.
އެ ގައުމުގެ ލީގް ވަރުގަދަކޮށް ގައުމުން ބޭރުން ޓީމްތަކަށް ދައުވަތުދީގެން އެގައުމުގައި ގިނަ މުބާރާތް ތަކެއް އަންނަނީ ބާއްވަމުންނެވެ. އަދި އެ މުބާރާތް ތައް ހުޅުވުމުގެ ރަސްމިއްޔާތަށް ދުނިޔޭގެ މަސްހޫރު ގިނަ ކުޅުންތެރިންނާއި ކޯޗުން ވެސް އަންނަނީ އެ ގައުމަށް ގެންނަމުންނެވެ. އެގޮތުން މިއީ ރޮނާލްޑީނިއޯ ވެސް އެގައުމަށް އަންނަ ދެވަނަ ފަހަރެވެ.