ޝަރީއަތަށް މައްސަލަ ހުށަނާޅަނީސް ޝަރީއަތް ނިމެންދެން އެއް އަހަރުވަންދެން މީހަކު ބަންދުގައި ބެހެއްޓި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ޝަރީއަތަށް މައްސަލަ ހުށަނާޅަނީސް އދ. ފެންފުށީ ރިވާވިލާ އާދަމް އަލީ ޝަރީއަތް ނިމެންދެން އެއް އަހަރުވަންދެން ބަންދުގައި ބެހެއްޓި މައްސަލަ ފެންމަތިވެފައި ވަނީ އޭނާގެ ގާނޫނީ ވަކީލު އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުންނެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އެ މައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލުންނާއި އާދަމް އަލީ އާއި އޭނާގެ ގާނޫނީ ވަކީލު ހާޒިރުކޮށްގެން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ދެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެ ތާރީޚުގައި އޭނާ ހައްޔަރުކޮށްފައިވާ އިރު، ޝަރީއަތަށް އޭނާގެ މައްސަލަ ނުފޮނުވަނީސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ އަމުރާ އެއްގޮތަށް އާދަމް އަލީ އަދިވެސް ބަންދުގައި ހުރި އިރު، މިހާތަނަށް އޭނާގެ މައްސަލަ ވަނީ ޝަރީއަތަށް ނުފޮނުވައި ކަމަށާއި ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހެޅިކަން އެނގިގެން އަވަސް އަރުވާލައިގެން ޕީޖީ އޮފީހުން އެ މައްސަލަ ފެންފުށީ ކޯޓަށް ހުށަހަޅާފައިވާ ކަމަށް އިސް ގާޒީ ވިދަޅުވި އެވެ.

އިސް ގާޒީ ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނީ ޝަރީއަތަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް މާމިގިލީ ކޯޓުން އަމުރު ނެރެފައިވާ އިރު، އެކަމާ ގުޅިގެން ޕީޖީ އޮފީހުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކޮށްފައިނުވާ ކަމަށެވެ.

އާ ގާނޫނު އަސާސީއާއެކު ރާއްޖޭގެ ޝަރުއީ ނިޒާމަށް އައިސްފައިވާ ބަދަލާ އެކު މިއީ ރާއްޖޭގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށާއި، ކުރީގެ ގާނޫނު އަސާސީ އޮތްދުވަސްވަރު ޝަރުއީ އެއްވެސް ހުކުމަކާ ނުލައި 16 އަހަރު ރާއްޖޭގެ ޖަލެއްގައި މީހަކު ބަންދުކޮށްފައި ހުރި މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވެފައިވާ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

"މިއީ ގާނޫނީ ނިޒާމާ ޚިލާފު ކަމެއް،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އާދަމް އަލީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ކޯޓަށް ހުށަހެޅުން ލަސްވީ އެ މައްސަލައިގެ ތަހުގީގުގެ ބައެއް ފުރިހަމަ ކުރުމަށް އަނބުރާ ފުލުހުންނަށް ފޮނުވާލާފައިވުމުން ކަމަށެވެ. އަދި މިހާރު ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މިހާތަނަށް ތަހުގީގުގައި ފުރިހަމަ ކުރެވިފައި ހުރި ހާދިސާގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އާދަމް އަލީގެ ގާނޫނީ ވަކީލު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު މުރާޖާކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އަބްދުﷲ ގާޒީ ވިދާޅުވީ އެއީ އެހެން ކޯޓަކުން ނެރެފައިވާ އަމުރަކަށް ވާތީ އެ އަމުރާ މެދު ގޮތެއް ނިންމެން ނެތް ކަމަށެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވައި އަބްދުﷲ ގާޒީ ވިދާޅުވީ އެކަމުން ދޭހަކޮށްދެނީ ގާނޫނުގެ ވެރިކަން ދަމަހައްޓަން ފުލުހުންނާއި ޕީޖީ އޮފީސް ހޭލުންތެރިވެފައި ނެތްކަން ކަމަށެވެ.

ހަމައެހެންމެ ފުލުހުންނާއި ޕީޖީ އޮފީހުން ގާނޫނަށް ހޭލުންތެރިވެފައިނުވާކަން އެކަމުން ދޭހަކޮށްދޭ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގެ އަޑުއެހުން ނިންމާލާފައި ވަނީ އެފަދަކަންކަން ތަކުރާރު ނުކުރުމަށް ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުންނަށް ނަސޭހަތްދެއްވުމަށްފަހު އެވެ.