24 Jan 2016, 17:01
ކުރިއަށް އޮތް ސީޒަނުގައި ރެއާލް މެޑްރިޑަށް އެއްވެސް ކުޅުންތެރިއަކު ގެންނަން ބޭނުން ނުވާ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިން އެ ޓީމުގައި ހިމެނުމުން ފީފާއިން އެއް އަހަރު ދުވަހަށް އެ ޓީމަށް ކުޅުންތެރިއަކު ނުގެނެވޭނެ ގޮތަށް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް މިހާރު ހުޅުވިފައިވާ ޓްރާންސްފާގެ މުއްދަތުގެ ތެރޭގައި އެ ޓީމަށް ކުޅުންތެރިން ގެނައުމުގެ ފުރުސަތު އޮތް ނަމަވެސް ޒިދާން ބުނީ އެ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުން ކުޅުންތެރިންތަކެއް ނުހޯދާނެ ކަމަށާއި މިހާރު އޮތް ސްކޮޑާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"އަހަރެން ގަބޫލެއް ނުކުރަން ރެއާލްގެ ސްކޮޑަށް އާ ކުޅުންތެރިން ތަކެއް ގެންނަށް ޖެހޭނެ ކަމަކަށް. އަހަރެންގެ މިހާރު މި އޮތް ސްކޮޑާ މެދު ހިތްހަމަޖެހޭ. ޓީމުގައި މި ތިބަ ކުޅުންތެރިން ހުއްޓާ އަހަރެން ނުދާނަށް އެހެން ކުޅުންތެރިން ހޯދާކަށް،" ލީގުގައި މިރޭ ސެވިއްޔާއާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ޕްރީ މެޗު ޕްރެސްގައި ޒިދާން ބުންޏެވެ.
އެހެން ކުޅުންތެރިއަކު ގެންނަން ބޭނުން ނުވާ ކަމަށް ޒިދާން ބުނެފައިވާ އިރު އޭނާ ވަނީ އެ ޓީމުގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް މެންޗަސްޓާ ޔުނައިޓެޑަށް ވިއްކާލަން އުޅޭ ވަހާކަ ދޮގުކޮށްފަ އެވެ.
"ޖޭމްސް ވިއްކާލަން އުޅޭ ވާހަކަ އަހަރެންނަށް އެންމެ ފުރަތަމަ ފެނުނީ ނޫހުން. އެއީ ހުސް ވާހަކަ ތަކެއް. ރެއާލް އިން ނޫޅޭ ޖޭމްސް ވިއްކާލާކަށް. މި ޓީމުގައި ޖޭމްސް އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް،" ޒިދާން ބުންޏެވެ.
ރެއާލްގެ އިތުރުން ބާސެލޯނާ، ފީފާގެ ގަވާއިދާ ހިލާފަށް ކުޅުންތެރިން ގެނަސްފައިވާތީވެ މިދިޔަ އަހަރު ވަނީ އެއް އަހަރަށް ސަސްޕެންޑް ކޮށްފަ އެވެ. އެ ޓީމުގެ ސަސްޕެންޝަންގެ މުއްދަތު ހަމަވީ މި އަހަރުގެ ޖެނުއަރީ ގައެވެ.