ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްސަލާގައި، ޝަރީއަތުގެ ފަރާތުން މީހަކު ހާޒިރު ކުރަން ނިންމައިފި އެވެ.

އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

އެމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ މައްސަލައާ ގުޅިގެން ޝަރީއަތުގެ ބޭނުމަށް ދެންއޮއްނަ ޝަރީއަތެއްގައި މީހަކު ހާޒިރު ކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކާކުކަން ގާޒީ ހާމަކުރައްވާފައެއް ނުވެ އެވެ. ގާޒީ ވިދާޅުވީ ޝަރީއަތުގެ ފަރާތުން ހާޒިރުކުރާ މީހާއާ ސުވާލު ކުރުމުގެ ފުރުސަތު ދައުލަތަށްވެސް އަދި އިމްރާންގެ ވަކީލުންނަށްވެސް ލިބޭނެ ކަމަށެވެ.

އިމްރާންގެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ހެކިވެރިޔާގެ ހެކިބަސް ވަނީ ނަގާފަ އެވެ. ހެކިބަސްދެމުން ހެކިވެރިޔާ ބުނީ އެކެއް މޭ ދުވަހު އަދާލަތު ޕާޓީން އިސްނަގައިގެން މާލޭގައި ބޭއްވި އެއްވުމުގެ ކަންކަން ބަލާލުމަށް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވި ކަމަށެވެ. އަދި އޭނާ އެދުވަހު މުޒާހަރާގައި އުޅުނީ އަމިއްލަ ފަރުދެއްގެ ގޮތުން ކުޅިބަލާލަންކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

އެދުވަހުގެ މުޒާހަރާގައި ސޯޝިއަލް ސެންޓަރާއި ދިމާލުގައި ހުރެ ސިޔާސީ ފަރާތްތަކުން ވާހަކަދެއްކި ކަމަށާއި އޭގެތެރޭގައި އިމްރާން އަބްދުﷲވެސް ހިމެނޭ ކަމަށް ހެކިވެރިޔާ ބުންޏެވެ. އިމްރާންގެ ވާހަކާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް ފާޅުގައި ގޮވާލާފައި ނުވާ ކަމަށާއި ނަމަވެސް އިމްރާން ދެއްކި ވާހަކަތަކެއްގެ ސަބަބުން މީހުންނަށް އަނިޔާވެރިވާން ހިތްވަރު ލިބުނީކަމަށް ގަބޫލުކުރެވޭކަމަށް ހެކިވެރިޔާ ބުންޏެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ހެކިވެރިޔާއަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ފިރިހެނެއްކަމަށް ހެކިވެރިޔާ ވަނީ ބުނެފަ އެވެ. އެދުވަހުގެ މުޒާހަރާގައި ފުލުސްމީހާއަށް އަނިޔާކުރި މަންޒަރުފެނުނުކަމަށް ހެކިވެރިޔާ ވަނީ ބުނެފަ އެވެ. ހެކިވެރިޔާއާ ސުވާލުކުރަމުން އިމްރާންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ މައްސަލާގައި ހެކިބަސްދިނުމުގެ ކުރިން ޕީޖީގެ ލޯޔަރަކާ ބައްދަކު ކޮށްފައިވާނެތޯ އެވެ. އަދި ސުވާލުތަކަށް ޖަވާބުދެނީ ލިޔެގެންތޯވެސް ވަކީލުއެއްސެވި އެވެ.

ހެކިވެރިޔާ ބުނީ ހެކިބަސްދިނުމުގެ ކުރިން އެކަމާބެހޭ އެއްވެސް ވާހަކައެއް އެއްވެސް މީހަކާ ދައްކާފައި ނުވާ ކަމަށެވެ. އަދި ހެކިބަސް ދެނީ ލިޔެގެން ނޫންކަމަށްވެސް ހެކިވެރިޔާ ބުންޏެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލުމުގެ ކުރިން ގާޒީ ބާރީ ވަނީ އިތުރު އެނަލިސިސް ރިޕޯޓެއް ހެދުމަސް ދައުލަތުގެ ކިބައިން އެދިފަ އެވެ. އެއީ ދައުލަތުން ހެެއްކެއްގެ ގޮތުގައި ހުށަހެޅި ވީޑިއޯއެއްގައި އިމްރާން ސިއްރުން ބުނާ ވާހަކަކަމަށް ބެލެވޭ އޯޑިއޯ އެނަލިސިސް ރިޕޯޓެެކެވެ. އެއީ އިމްރާންގެ އަޑުތޯ ޔަގީން ކުރަން ބޭނުންވާކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެ ކުރިން އިމްރާންގެ މައްސަލަ ބައްލަަވަމުން ގެންދެވީ ތިން ފަނޑިޔާރުން އެކުލެވޭ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަބްދުލް ބާރީ ޔޫސުފް އާއި ގާޒީ އަބްދުﷲ ނަޝީދު އާއި ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު އެވެ. ނަމަވެސް އެ ބެންޗް އިސްގާޒީ އުވާލައްވައި މައްސަލަ ހަމައެކަނި ގާޒީ އަބްދުލް ބާރީ ޔޫސުފް ބައްލަވާގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ.