މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދޫކުރުމުން ލިބުނު އެއް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވި ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިއުތިރާފު ވެއްޖެއެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ ވިދާޅުވީ އެބޮނީ ޕްރައިވެޓް ލިމިޓެޑުން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރުގެ ޗެކާ އޭނާ ހަވާލުވެފައިވާނެ ކަމަށާއި ނަމަވެސް އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް އިންކާރު ކުރާކަމަށެވެ.

ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޒިޔަތުގެ ގާނޫނީ ވަކީލު ވިދާޅުވީ މާލިއްޔަތު ގާނޫނުގެ 48 ވަނަ މާއްދާގެ 48 ވަނަ މާއްދާގެ (ށ) ގައިވާގޮތުން އެފަދަ މައްސަލަތައް ތަހުގީގުކުރަން އަންގަންޖެހޭނީ އެޓާނީ ޖެނެރަލް ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ހިންގާފައި ވަނީ އެ އުސޫލާ ޚިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ހިންގާފައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ކަމަށާއި ޒިޔަތުގެ ގާނޫނީ ވަކީލު ފާހަގަކުރެއްވި ގަވާއިދަކީ މިހާރު އަމަލު ކުރަމުން އަންނަ ގަވާއިދެއއް ނޫން ކަމަށެވެ.

ޒިޔަތުގެ ވަކީލު ވިދާޅުވީ އޭނާގެ ކަންފަތް ވަނީ ބައްވެފައި ކަމަށެވެ. އަދި އޭނަގެ އަނގުއަނބި މިހާރު ބަނޑު ބޮޑު ކަމަށާއި އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ޒިޔަތު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ގާޒީ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ގާޒީ ނިންމަވާލެއްވީ ހެކި އަންނަ މަހުގެ 15 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހުއެވެ. އެ ދުވަހު އޮންނާނީ ދެ ފަރާތުން ވެސް ހެކި ހުށަހެޅުމެވެ.