24 Jan 2016, 13:44
އަމަލް ކްލޫނީއަކީ ގިނަ ބަޔެއްގެ އިހުތިރާމް ލިބިފައިވާ ބައިނަލްއަގުވާމީ ވަކީލެއްގެ އިތުރުން، އޭނާ ހެދުން އެޅުމުގައި ގެންގުޅޭ ސްޓައިލަށާއި ރީތި ކަމަށް ވެސް މީހުންގެ ތައުރީފު ލިބިފައިވާ ފަރާތެކެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރާ ބައްދަލުކުރައްވަން ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު އިއްޔެ އަމަލް ވަޑައިގަތް އިރު، އަމަލް އަށް ވުރެ ބޮޑަށް ނޫސްވެރިންގެ ސަމާލުކަމަށް އައީ ރާއްޖޭގެ ކުރީގެ ފަސްޓް ލޭޑީ، ލައިލާ އަލީ އަރާވަޑައިގެން ހުންނެވި ފައިވާން ނޫނީ ބޫޓު ކޮޅަށެވެ.

ރައީސް ނަޝީދާއި އަމަލް ކްލޫނީ --
ޓެރަރިޒަމްގެ ކުށް ސާބިތުވުމުގެ ސަބަބުން 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ނަޝީދު އިނގިރޭސި ބޮޑު ވަޒީރާ އިއްޔެ ބައްދަލު ކުރެއްވީ ބޮޑުވަޒީރުގެ ރަސްމީ އޮފީހުގަ އެވެ. އެ ބައްދަލުވުމަށް ނަޝީދާ އެކު އަނބިކަބަލުން ވަޑައިގެންނެވީ އެހެން ފަހަރުތަކުގައި ވެސް ލައިލާ ރަސްމީ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ގޮތަށް ވަރަށް 'ޕްރޮފެޝަނަލް'ކޮށް ހެދުން އަޅުއްވައިގެނެވެ. ނަމަވެސް، މިފަހަރު ގިނަ ބަޔެއްގެ ލޯހުއްޓުނީ ލައިލާ އަރާވަޑައިގެން ހުންނެވި ލެދާއިން ހަދާފައިވާ ބޫޓަށެވެ. ކަޅު ކުލައިގެ އެ ބޫޓުގެ ހީލް ވަނީ ރަނުގެ ފަށަލައެއް ލާފަ އެވެ. އަދި ކަޅު ކުލައިގެ ސޫޓެއް ތުރުކުރައްވައިގެން ހުންނެވުމުން އެ ބޫޓުގެ ހީލް އިތުރަށް ފާހަގަ ކުރެވުނެވެ.

ލައިލާ އަލީ އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި -- ފޮޓޯ: އޭޕީ
ދެހާސް އަށް ވަނަ އަހަރުން ފެށިގެން 2012 އާ ހަމައަށް ފަސްޓް ލޭޑީކަން ކުރެއްވި ލައިލާ އަލީ އަކީ ނަޝީދުގެ ދެ ރަރިކަނބަލުންގެ މަންމާފުޅެވެ.