ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފަސްކުރި، "ޑިމޮކްރެސީ ވީކު" އަންނަ ފެބްރުއަރީ މަހު 14 ދުވަހު ހއ. ހޯރަފުށީގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

"ޑިމޮކްރެސީ ވީކު" ކުރިން ބާއްވަން އުޅުނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ރިޔާސީ ލޯންކޮޅުގެ ހާދިސާއާ ގުޅިގެން އެ ހަރަކާތްތައް އޮތީ ފަސްކޮށްފައެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ޑިމޮކްރަސީ ވީކު ހޯރަފުށީގައި ފާހަގަ ކުރި ނަމަވެސް، އެ ވީކްގެ ހަރަކާތްތައް ފެށިގެންދާނީ އަންނަ މަހުގެ 14 ވަނަ ދުވަހު މާލޭގައި އޮންނަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަކުން ކަމަށެވެ.

""ޑިމޮކްރަސީ ވީކް" ފެށިގެން ދާނީ މާލޭގައި އޮންނަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން. އެ ދުވަހު މާލޭގެ ސެކަންޑްރީ ސުކޫލްތަކުގައި މައުލޫމާތު ދިނުމުގެ، ޑިމޮކްރަސީގެ ހާއްސަ މޮޑިއުލް އެއް ކުރިއަށް ގެންދިއުން އޮންނާނެ. އަދި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައުވެރިވުން ހުރިގޮތް އަންގައިދޭ ބަހުސް ފޯރަމެއް ކުރިއަށް ގެންދިއުމުގެ މަސައްކަތްވެސް ހަމަ އެ ދުވަހު ކުރިއަށްދާނެ،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ޑިމޮކްރަސީ ވީކްގެ ހަރަކާތްތައް ހޯރަފުށީގައި ފެށިގެންދާނީ ފެބްރުއަރީ 16 ވަނަ ދުވަހު ކަމަށެވެ. އަދި އެ ހަރަކާތްތައް ރަސްމީކޮށް އެރަށުގައި ފެށިގެން ދާނީ 17 ވަނަ ދުވަހު ހަވީރު އޮންނަ ފުޓްބޯޅަ މެޗަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"16ވަނަ ދުވަހު އަޅުގަނޑުމެން ހޯރަފުށީގައި އިވެންޓުތައް ފަށާނެ.ޑިމޮކްރަސީ ވީކުގެ ހާއްސަ ރަސްމިއްޔާތު 18 ވަނަ ދުވަހުގެ ރޭ ހޯރަފުށީގައި އޮންނާނެ. އެ ރަސްމިއްޔާތުގައި އެހެނިހެން ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ،" އަކްރަމް ވިދާޅުވިއެވެ.

ޑިމޮކްރަސީ ވީކްގައި ހޯރަފުށީ ރައްޔިތުންނަށް ޚާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު އެ ހަފްތާގެ ހުކުރު ދުވަހުގެ ޚުތުބާ ވެސް ހާއްސަކޮށްފައި ވަނީ ޑިމޮކްރަސީ އަށެވެ.

ހަމައެހެންމެ ސުކޫލް ކުދިންނަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމާފައިވާ އިރު، ދޮރުން ދޮރަށް ހިނގައި މައުލޫމާތި ދިނުމުގެ ހަރަކާތަކާއި، މަސްރޭސް، ކުޑަކުދިންގެ ހަވީރު ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވެއެވެ.

ޑިމޮކްރަސީ ހަފްތާ ފާހަގަ ކުރުމަށް 1.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކުރިން ލަފާ ކުރި ނަމަވެސް، އެކަމަށް ދައުލަތުގެ ބަޖެޓުން ހަރަދު ވާނީ ފަސް ލައްކަ ރުފިޔާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.