މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އެ ޓީމަށާއި ކޯޗަށް ފާޑުކިޔުމުގެ ހައްގު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ވެން ހާލް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އަތުން 1-0 އަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށްފަހު ވެންހާލް ބުނީ، ސަޕޯޓަރުންނަށް އެމީހުންގެ ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެ ކަމަށް އޭނާ އަށް ހުރަސް ނޭޅޭނެ ކަމަށެވެ.

"ސަޕޯޓަރުން ނުރުހުން ފާޅު ކުރުމުގެ ހައްގު މިހާރު އެބަ އޮތް. އެކަމަށް ބުނާނެ އެއްޗެއް ނެތް. އަހަރެން ވެސް މި އިނީ މެޗު ބަލަން. ޔުނައިޓެޑްގެ ފަރާތުން ފެނުނީ ސަޕޯޓަރުން ހިތް އެދޭ ފަަދަ ކުޅުމެއް ނޫން،" ވެން ހާލް ބުންޏެވެ.

ރޭގެ މެޗުން ޔުނައިޓެޑް ބަލިވީ ސައުތެމްޓަން އިން މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބް ކުރި ގޯލަކުންނެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބް ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތިގައި ކުޅެން އެރި ޗާލީ އޮސްޓިންއެވެ.

ރޭގެ މެޗުން ބަލި ވުމުން ޔުނައިޓެޑް އޮތީ ޕްރިމިއާ ލީގުގެ ފަސްވަނައިގައި 37 ޕޮއިންޓާއި އެކު އެވެ. ރޭގެ މެޗުން މޮޅުވި ސައުތެމްޓަން އޮތީ ކުޅުނު 23 މެޗުން 33 ޕޮއިންޓް ލިބިގެން ތާވަލުގެ އަށް ވަނައިގައެވެ.

މި ސީޒަނުގައި ވެންހާލްގެ އިރުޝާދުގެ ދަށުން ދަށް ނަތީޖާތަކެއް ޔުނައިޓެޑުން ނެރެމުން އައި ނަމަވެސް ވެން ހާލް ބުނީ ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން މެޗުތަކުން މޮޅުވުމަށް ގިނަ މަސަތްކަތް ތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަނިޔާގެ މައްސަލަތަކާއި އެހެނިހެން މައްސަލަތަކެއް ޓީމަށް ކުރިމަތި ވެފައިވާ ކަމަށެވެ.