24 Jan 2016, 11:52
ހޭންޑްބޯލް ފިރިހެން ޓީމުވެސް ސަރުކާރުގެ ޚަރަދުގައި ފޮނުވުމަށް ޔޫތު މިނިސްޓްރީއާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެމިނިސްޓްރީން ޖަވާބެއް ނުލިބުމުން މިހާރު މުބާރާތުގައި ހޭންޑްބޯލް ފިރިހެން ޓީމު ވާދަ ކުރުމުގެ ފުރުސަތު ގެއްލިފައިވާކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފި އެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ޓެކްނިކަލް ޑައިރެކްޓަރު މުޙައްމަދު ޝާން ވިދާޅުވީ، ހޭންޑްބޯލް ޓީމު ސަރުކާރުގެ ޚަރަދުގައި ނުފޮނުވާ ގޮތަށް ކޮންފާމްވި ދުވަހުވެސް ޔޫތު މިނިސްޓްރީއާ ބައްދަލު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
އަދި ފަހުން ޔޫތު މިނިސްޓރީގެ އެޕްރޫވާއެކު ބާސްކެޓްގެ އަންހެން ޓީމަށްވެސް ސަރުކާރުގެ ޚަރަދުގައި މުބާރާތަށް ފޮނުވާގޮތަށް ނިންމުމުން ހޭންޑްބޯލް މޯލްޑިވްސްއިން ވެސް ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރާ ބައްދަލު ކުރުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް މިނިސްޓަރުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ޝާން ވިދާޅުވި އެވެ.
ޝާން ވިދާޅުވީ، އަންހެން ހޭންޑްބޯލް ޓީމު މުބާރާތަށް ފޮނުވަން ނިންމެވީ ސީދާ ރައީސް ޔާމީން ކަމަށާއި އެކަން ވަރަށް ބޮޑަށް އެސޯސިއޭޝަނުން ފާހަގަ ކުރާ ކަމަށެވެ.
ް"އަންހެން ބާސްކެޓް ޓީމު ގޭމްސްއަށް ފޮނުވުމަށް ޔޫތު މިނިސްޓަރު އެޕްރޫވް ދެއްވުމުން އަޅުގަނޑުމެން ވެސް މަސައްކަތް ކުރިން އަޅުގަނޑުމެން ގޭމްސްއަށް ތައްޔާރުވެފައިވާ މިންވަރު މިނިސްޓަރު ޒުހޫރަށް ހާމަކޮށްދޭން، ނަމަވެސް އަޅުގަނޑުމެން ބައްދަލު ކުރަން އެދުމުންވެސް މިނިސްޓަރު ޖަވާބެއް ނުދެއްވާ،" ޝާން ވިދާޅުވިއެވެ.
ހޭންޑްބޯލް ފިރިހެން ޓީމުވެސް އަންނަނީ ބަނގުލަދޭޝްގެ ގައުމީ ހޭންޑްބޯލް ޓީމުގެ ބެލުމުގެ ދަށުން މުބާރާތަށް ތައްޔާރު ވަމުންނެވެ.
މިކަމާ ގުޅޭގޮތުން ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރާ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ރަސްމީ ލިޔެކިޔުމުން އެދިފައިނުވާ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގެ ހޭންޑްބޯލް ޓީމު މުބާރާތަށް ތައްޔާރުވެފައި އޮތް މިންވަރަކީ ކޮބައިކަމެއް. އެބޭފުޅުންގެ ފަރާތުން ރަސްމީ ލިޔެކިޔުމުން އެދިފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝާން ވިދާޅުވީ، ދެން ފައިސާގެ ކަންކަން ހަމަޖެހުނަސް ޑިޔު ޑޭޓް ފަހަނައަޅައި ދިއުމުން މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުމުން، ހޭންޑްބޯލް ފިރިހެން ޓީމުގެ ވިސްނުން ހުރީ ސަރަހައްދުގެ އެހެން ގައުމުތަކާ ދެކޮޅަށް މެޗްތަކެއް ކުމަށް ކަމަށެވެ.
"އަޅުގަނޑުމެން މިވަނީ ގޭމްސްއަށް ވަރަށް ބޮޑަށް ތައްޔާރުވެފައި. މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށްފަހު އަޅުގަނޑުމެން މިއަންނަނީ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވަމުން. ނަމަވެސް ގޭމްސްގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުމުން މިހާރު ވިސްނުން މިހުރީ ސަރަހައްދުގެ އެހެން ގައުމުތަކާއެކު މެޗްތަކެއް ކުޅުމުގެ ވިސްނުން،" ޝާން ވިދާޅުވި އެވެ.