18 Apr 2011, 18:01
މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލީގެ ގޮތުގައި މަހަކު އަކަމީޓަކަރަށް ނަގާ ހަ ޑޮލަރު އަންނަ މަހުން ފެށިގެން ނުވަ ޑޮލަރަށް އިތުރުކުރުމަކީ ފައިނަލް ނިންމުމެއް ނޫން ކަމަށާއި ކުންފުނިތަކާ މަޝްވަރާކޮށްގެން އިތުރު ގޮތްތަކެއް ހޯދުމަށް މިހާރު ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އެއާޕޯޓް އޮޕަރޭޓްކުރާ އިންޑިއާގެ ޖީއެމްއާރް ކުންފުނިން ބުނެފި އެވެ.
މިހާރު އެއާޕޯޓުގައި ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލީގެ ގޮތުގައި މަހަކު އަކަމީޓަރަކަށް ނަގާ އަގު 50 ޕަސަންޓުން ބޮޑުކުރަން ނިންމި ނިންމުމާ ގުޅިގެން އެ މައްސަލަ ހޫނުވެ މީޑިއާގައި ވާހަކަދެކެވެން ފެށުމުން އެއާޕޯޓް ހިންގާ ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗީފް އެގްޒެކްޓިވް އޮފިސަރު އެންޑްރޫ ހެރިސަން މިއަދު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
އެންޑްރޫ ވިދާޅުވީ، ނުވަ ޑޮލަރަށް ކުލި ބޮޑުކުރަން ޖީއެމްއާރުން ނިންމައިފައިނުވާނެ ކަމަށެވެ. އަދި ކުލިބޮޑުކުރުމަށް ޖީއެމްއާރުން ބޭނުންވާތީ، އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކުންފުނިތައް ކަމުގައިވާ އައިލެންޑް އޭވިއޭޝަނާއި މޯލްޑިވިއަން އެއާޓެކްސީއާއި ޓްރާންސްމޯލްޑިވިއަން އެއާވޭސަށް ސިޓީއެއް ފޮނުވި ކަމަށާއި އެކުންފުނިތަކުގެ ކަންބޮޑުވުންތައް އަޑުއަހައި، ހުރިހާ އެންމެންނަށް ފައިދާވާނެ ގޮތެއް ނިންމުމަށް ޖީއެމްއާރުން އޮތީ ތައްޔާރަށް ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.
"އެއީ މަޝްވަރާ ފެށުމަށް އަހަރުމެން ފޮނުވި ސިޓީއެއް. އަޅުގަނޑުމެން ނުވަ ޑޮލަރެއް ކަނޑައެއް ނާޅަން. އެ އަގު ]ހަ ޑޮލަރާއި ނުވަ ޑޮލަރާ[ ދޭތެރޭގެ ކޮންމެ ހިސާބެއްގައި ވެސް ކަނޑައެޅިދާނެ. އަނެއްކާ މުޅިން އާ ގޮތެއް ވެސް ކަނޑައެޅިދާނެ ކުލިބޮޑުކުރުމުގައި،" އެންޑްރޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރިސޯޓުތަކަށް ޓޫރިސްޓުން އުފުލުމުގެ ހިދުމަތްދެމުންދާ ދެ ސީޕްލޭން އޮޕަރޭޓަރުން މިހާރު ވެސް ތަފާތު ހުށަހެޅުމެއް ހުށަހަޅައިފައިވާ ކަމަށެވެ.
"ސީ ޕްލޭން އޮޕަރޭޓަރުން ހުށަހަޅައިފައި މިއޮތީ ކުލީގެ ރޭޓް އެއްވަރެއްގައި ކަނޑައެޅިފައި އޮތުމުގެ ބަދަލުގައި، ވޭރިއަބަލް ]ތަފާތުކުރެވޭ[ އަގެއްގެ ގޮތުގައި ހަމަޖެއްސުމަށް. އެއީ އަހަރުގެ ބައެއް ހިސާބުތަކުގައި ޓޫރިސްޓުން އަންނަ އަދަދު މަދުވާތީ. އަނެއްބައި ދުވަސްވަރު ގިނަވާނެތީ. އެހެންވެ، ވޭރިއަބަލް ކޯސްޓެއް އެމީހުންނަށް އެންމެ ރަނގަޅީ. އަހަރުމެންނަށް އެގޮތް ވެސް ގަބޫލުކުރެވޭނެ،" އެންޑްރޫ ވިދާޅުވި އެވެ.
އަދި އައިލެންޑް އޭވިއޭޝަނުން ވެސް އެ ކުންފުންޏަށް ކަމުދާ ހުށަހެޅުންތަކެއް ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި ޖީއެމްއާރުން އޮތީ ދެބައިމީހުންނަށް ވެސް ފައިދާ ވާ ގޮތަކަށް ކުލިބޮޑުކުރުމުގެ ކަންތައް ހަމަޖެއްސުމަށް ކަމުގައި އެންޑްރޫ ވިދާޅުވި އެވެ. އެގޮތުން މިހާރު ބިން ކުއްޔަށް ދޫކުރާ އެއް އަހަރު ދުވަހުގެ މުއްދަތު އެއަށް ވުރެ އިތުރު ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެންމެ ރަނގަޅު ގޮތެއް ކަނޑައެޅެންދެން އަންނަ ޖޫން މަހަށް ކުލިބޮޑުކުރުން ފަސްކޮށްފައިވާ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.
އެންޑްރޫ އިތުރަށް ވިދާޅުވީ، ސީ ޕްލޭން އޮޕަރޭޓަރުން ކުއްޔަށް ހިފައިފައިވާ ބިމުގައި ބޮޑެތި އިންވެސްޓުމަންޓުތަކެއް ކޮށްފައިވާއިރު، ތިން މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު އެއްބަސްވުން ބާތިލުކުރެވޭ ގޮތަށް އޮތް އޮތުމަކީ އެއްވެސް ގޮތަކަށް އޭނާ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން އިސްލާހު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި އެންޑްރޫ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، "އިންސާނަކަށްވުމުން ގޯހެއް ހެދިދާނެ" ކަމަށާއި އެންމެ ރަނގަޅު ގޮތް އެނގޭނީ ޖީއެމްއާރަށް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެގޮތުން ސަރުކާރުން ޑޮލަރުގެ އަގަށް ގެނައި ބަދަލާ އެކު 15.42ރ. ގެ ރޭޓަށް ޑޮލަރުގެ އަގު ބަދަލުކުރުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމުގައި އެންޑްރޫ މިއަދު ވިދާޅުވި އެވެ. އަދި އެކުރިއަށް އޮތްތަނުގައި އަވަސްއަރުވައިލައިގެން އެފަދަ ފިޔަވަޅުތައް ނެގުމުގެ ބަދަލުގައި ވިސްނާނެ ކަމަށް ވިދާޅުވި އެވެ.
ޖީއެމްއާރުން އެއާޕޯޓުގައި އެއްވެސް ތަރައްގީގެ މަސައްކަތެއް ނުކޮށް ފީއަގުބޮޑުކުރަމުންދާ ކަމަށް ބުނެ ފެތުރެމުންދާ އަޑުތަކަށް ރައްދު ދެއްވަމުން އެންޑްރޫ މިއަދު ވިދާޅުވީ، "ފަރުދާގެ ފުރަގަހުގައި" އެއާޕޯޓް ތަރައްގީކުރުމަށް ބޮޑު ތިން މަޝްރޫއެއް އެއް ފަހަރާ ހިނގަމުންދާ ކަމަށެވެ.
އޭގެ ތެރޭގައި ޑިޕާޗާ ޓާމިނަލްގައި މީހާރު ހުރި 24 ކައުންޓަރުގެ އިތުރުން އަދި އަށް ކައުންޓަރެއް ބަހައްޓައިގެން ޖުމްލަ 32 ކައުންޓަރުން ހިދުމަތް ދިނުމަށް ޖީއެމްއާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އަދި އެ ޓާމިނަލްގައި ހުރި ތިން އެކްސްރޭ މެޝިން، ފަސް އެކްސްރޭ މެޝިނަށް އިތުރުކުރުމަށް ވެސް ޖީއެމްއާރުން ވަނީ ނިންމައިފަ އެވެ.
އަދި އެރައިވަލް ޓާމިނަލްގައި މިހާރު ހުރި ތިން ބެލްޓު ހަތަރު ބެލްޓަށް އިތުރުކުރުމާއި ބެލްޓުތައް ދިގު ކުރުމުގެ މަސައްކަތް ޖީއެމްއާރުން ދަނީ ކުރަމުންނެވެ.
އެންޑްރޫ ވިދާޅުވީ، އެ މަސައްކަތް ކުރުމަށް އެންމެ ބޮޑަށް ދަތިވަނީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރުލެއް ނާރާ ގޮތަށް ކުރިއަށްގެންދަން ޖެހޭތީ ކަމަށެވެ. ނަމަވެސް، ޓޫރިސްޒަމްގެ ހައި ސީޒަން ފެށުމުގެ ކުރިން ކުރިން އެ ހުރިހާ މަސައްކަތެއް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އަމާޒަކީ އެ ހުރިހާ މަސައްކަތެއް ވެސް އަންނަ ނޮވެމްބަރު މަހުގެ ކުރިން ނިންމާލުން ކަމަށް އެންޑްރޫ ވިދާޅުވި އެވެ.