މާލެއަށް ކަރަންޓުގެ ހިދުމަތް ދިނުމަށް އަށް މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އަންނަ އަހަރު ގެނެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް ރައުފް މިއަދު ސަން އަށް ވިދާޅުވީ، އަށް މެގަވޮޓްގެ ޖަނަރޭޓަރު ގެނައުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށާއި މިއަހަރު ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށި ޖަނަރޭޓަރަށް އޯޑަރު ކުރެވިގެންދާނެ ކަމަށެވެ.

"ގާތްގަނޑަކަށް އަށް މަސް ދުވަސް ނަގާނެ، އެކޮޅުން ޝިޕްކޮށްގެން މިހިސާބަށް އަންނަންވެސް. އެހެންވީމަ މިއަހަރުނިމި އަންނަ އަހަރު ކުރީކޮޅު މަސައްކަތް ފެށޭވަރުވާނެ،" ރައޫފު ވިދާޅުވި އެވެ.

އެ ޖަނަރޭޓަރާއެކު ކަރަންޓުގެ ކެޕޭސިޓީ އިތުރުވެގެން ދިއުމުން ކަރަންޓް ކެނޑުމާއި ދިމާވާ ދަތިތަކުން ސަލާމަތްވާނެ ކަމަށް ރައޫފު ވިދާޅުވި އެވެ.

މިހާރު ކަރަންޓް ދިނުމަށް ސްޓެލްކޯގައި 27 ޖަނަރޭޓަރު ބޭނުންކުރަމުންދާއިރު އޭގެ ތެރޭޭގައި އަށް މެގަވޮޓްގެ ދެ ޖަނަރޭޓަރު ހިމެނެއެވެ. މިހާރު މާލެއަށް ކަރަންޓް ދިނުމަށް ބޭނުންކުރަނީ 50 މެގަވޮޓެވެ.