24 Jan 2016, 12:27
އިނގިރޭސި ޕްރިމިއަ ލީގްގައި މެންޗަސްޓާ ސިޓީ ރޭ ކުޅުނު މެޗު 2-2 ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމުނު އިރު ލެސްޓާ ސިޓީ 3-0 ގެ ނަތީޖާ އަކުން ސްޓޯކް ބަލިކޮށް ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.
ރޭގެ އެ ނަތީޖާއާއެކު ކުޅުނު 23 މެޗުން 47 ޕޮއިންޓް ލިބިގެން ލެސްޓާ އެއް ވަނައިގައި އޮތް އިރު ސިޓީ އަށް 44 ޕޮއިންޓާއި އެކު ދެވަނަ ލިބެނީ ތިން ވަނައިގައި އޮތް އާސެނަލް އަށް ވުރެ ފައިދާ ގޯލުގެ ތަފާތުންނެވެ. ނަމަވެސް މިރޭ ޗެލްސީ އާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބް ކޮށްގެން އާސެނަލްއަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު ވަނީ ތަނަވަސް ވެފައެވެ.
ވެސްޓްހެމް ދަނޑުގައި ރޭ ސިޓީއާ ދެކޮޅަށް އެޓީމު ކުޅުނު މެޗު ފެށިގެން ފުރަތަމަ މިނިޓް ތެރޭގައި ވެސްޓްހަމްގެ ވެލެންސިއާ ވަނީ އެ ޓީމަށް ލީޑް ނަގައިދީފައެވެ. އެ ގޯލަށް ފަހު ވެސް ވެސްޓްހަމް އިން ދިޔައީ ރަނގަޅު ކުޅުމެއް ދައްކައި ސިޓީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ނަމަވެސް ފުރަތަމަ ހާފްގެ ނުވަ ވަނަ މިނެޓުގައި ސިޓީގެ ސާޖިއޯ އަގުއެރޯ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އެ ނަތީޖާ އާއެކު ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފް ފެށިގެން ވެސްޓްހަމް އިން އައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
އެގޮތުން މެޗުގެ 56 ވަނަ މިނެޓްގައި ވެސްޓްހަމް އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑް ނަގާފައެވެ. އެ ގޯލު ވެސް ކާމިޔާބް ކުރީ ވެސްޓްހަމް އަށް ފުރަތަމަ ގޯލު ކާމިޔާބް ކޮށްދިން ވެލެންސިއާ އެވެ.
އެ ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް 81 ވަނަ މިނެޓްގައި ސިޓީގެ ސާޖިއޯ އަގުއެރޯ ވަނީ ގޯލެއް ކާމިޔާބްކޮށް އެ ޓީމް ބަލިވިޔަ ނުދީ ސަލާމަތް ކޮށްދީފައެވެ.

އިނގިރޭސި ޕްރިމިއަ ލީގްގައި ލެސްޓާ ސިޓީ އާއި ސްޓޯކް ސިޓީ ކުޅުނު މެޗުގެ ތެރެއން --- ފޮޓޯ:އޭޕީ
ލެސްޓާ ސިޓީ އިން ރޭ ކުޅުނު މެޗު ކާމިޔާބް ކޮށް ތާވަލުގެ އެއްވަނަ އަށް އެރިއިރު އެ ޓީމުން ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ގޮތުން ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުން ވަނީ، މެޗުގެ ލީޑުނަގަައިފައެވެ. އެ ގޯލް 42 ވަނަ މިނެޓްގައި ލެސްޓާއަށް ކާމިޔާބުކޮށްދިނީ ޑްރިންކް ވޯޓާއެވެ.
ދެވަނަ ހާފްގެ 66 ވަނަ މިނެޓްގައި ޖޭމީ ވާޑީ ލެސްޓާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ މެޗުގެ 87 ވަނަ މިނެޓްގައި އުޖޯއާއެވެ.