އިންސާނާގެ ރީތިކަމާ އެއްވަރަށް ޒުވާންކަން ވެސް ރަމްޒުކޮށްދޭ އެކައްޗަކީ ހަންގަނޑެވެ. ހަންގަނޑު ކުރަކިވެ އަނަރޫފަ ވެއްޖެ ނަމަ ރީތިކަމާއި ޒުވާންކަމަށް ވެސް އަސަރު ކުރެ އެވެ.

ހަންގަނޑު ހިކި ކުރަކިވާން ދިމާވާ ވަރަށް ގިނަ ސަބަބުތަކެއް ވެ އެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވުން ހިމެނެ އެވެ. އުމުރަކީ ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން އިންސާނާ އުމުރުން ދުވަސްވާ ވަރަކަށް ގުދުރަތީ ގޮތުން ހަމުގައި އުފައްދައިދޭ ތެލުގެ މިންވަރު ދަށްކޮށްދެ އެވެ. އަދި ހަންގަނޑު ހިކި ކުރަކިވާން މަގުފަހިވެ އެވެ.

އުމުރުން ދުވަސްވުމުގެ އިތުރުން ވެސް، ދިރިއުޅުން ބައްޓަން ކޮށްފައި ހުންނަ ގޮތަކުން ވެސް ހަންގަނޑަށް ނޭދެވޭ އަސަރު ކުރެ އެވެ.

ހޫނު ފެނުން ފެންވެރުން ނުވަތަ ބޭނުންކުރެވޭ ސައިބޯންޏެއްގެ ސަބަބުން

ހޫނު ފެނުން ފެންވަރާލުމަކީ ތާޒާކަން އިތުރުކޮށްދޭ ކަމަކެވެ. އެހެންނަމަވެސް، ހަންގަނޑު ހިކި ކުރަކިވުން ފަދަ، ހަމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ހޫނު ފެނުން ފެންވެރުމާ ދުރުވާން ޖެހެ އެވެ. ނުވަތަ ހޫނުފެނުން ފެން ވެރުން މަދުކުރަން ޖެހެ އެވެ.

ހަމަ އެހެންމެ ފެންވެރުމުގައި ބޭނުންކުރާ ސައިބޯންޏަކީ ވެސް ސަމާލުވާން ޖެހޭ އެއްޗެކެވެ. އެ ސައިބޯނިން ކިތަންމެ މީރުވަހެއް ދުވި ކަމުގައިވީ ނަމަވެސް، އެ ސައިބޯންޏަކީ ހަންގަނޑު މޮއިސްޗަރައިސްކޮށްދޭ، އަދި ހަންގަނޑަށް ރަނގަޅު އެއްޗެއް ކަމުގައި ވާން ޖެހެ އެވެ. ނޫން ނަމަ ހަންގަނޑު ހިކި އަދި ކުރަކި ވުމަށް މަގުފަހި ވާނެ އެވެ.

ބޭހާއި ބަލިތައް

ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް ފަދަ ބަލިތަކަށް ދެވޭ ބޭސްތަކަކީ ވެސް ހަންގަނޑު ހިކި ކުރަކިވާން މެދުވެރިވާ އެއްޗެކެވެ. ހަމައެހެންމެ، ހަށިގަނޑުގައި ތައިރޮޑް ހޯމޯންސް އުފައްދާ މިންވަރު ދަށް ވެއްޖެ ނަމަ ނުވަތަ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބެއްޖެ ނަމަވެސް ހަމުގެ މައްސަލަތައް ދިމާވެ އެވެ.

ފިނި މޫސުން

ރާއްޖެ ފަދަ ގައުމުތަކުން ފިނި މޫސުން ތަޖުރިބާ ނުކުރިނަމަވެސް، އެކަން ތަޖުރިބާ ކުރާ އެތަކެއް 100 ގައުމެއް މި ދުނިޔޭގައިވެ އެވެ. އެފަދަ ފިނި ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ހަންގަނޑު ހިކުމާއި ކުރަކި ވުމުގެ މައްސަލަ އިންތިހާއަށް ދިމާވެ އެވެ. އެހެންކަމުން އެފަދަ ގައުމުތަކުގައި އުޅޭ ފަރާތްތަކުން ވެސް، ވީހާވެސް ބޮޑަކަށް ފިނި މޫސުމުގައި ހަށިގަނޑު ނިވާ ކުރުން ވަރަށް މުހިއްމެވެ.

ހަންގަންޑު ހިކި ކުރަކިވާ ނަމަ، އޭގެ ސަބަބު ދެނެގަތުން މުހިއްމެވެ. އަދި އެ ސަބަބާ ވީހާ ވެސް އަވަހަކަށް ދުރުވުން ވެސް ވަރަށް މުހިއްމެވެ.

ހަމައެހެންމެ ހަންގަނޑު ހިކި ކުރަކިވުން އަދި އެހެނިހެން ހަމުގެ މައްސަލަތައް ދިމާވާ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން ވަރަށް މުހިއްމެވެ. އެކަންތައްތަކަށް ދޭންވާ ސަމާލުކަން ނުދީ ފަރުވާ ކުޑަ ކޮށްލެވިއްޖެ ނަމަ ހަމުގެ ނުރައްކާތެރި ބަލިތަކާ ވެސް ކުރިމަތި ލާން ޖެހިދާނެ އެވެ.