24 Jan 2016, 09:22
ޖަރުމަނުގެ ޑަސެލްފޯރޑްގައި މިހާރު ކުރިއަށްދާ 47 ވަނަ އިންޓަނޭޝަނަލް ބޯޓް ޝޯގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވެގެން ޖަރުމަނުގައި ކުރިއަށްގެންދާ މި ފެއާ އަކީ މޫދު ކުޅިވަރުތަކަށް ހާއްސަކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ފެއާ އެވެ.
"ބޫޓް 2016"ގެ ނަމުގައި ޖެނުއަރީ 23 އިން 31 އަށް ޑަސެލްފޯޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްގެންދާ މި ފެއާގައި 60 ގައުމަކުން 1700 އަށް ވުރެ ގިނަ ބައިވެރިން މޫދު ކުޅިވަރުތަކާ ގުޅޭ ތަފާތު އާލާތްތަކާއި އުޅަނދުފަހަރު ދައްކާލާނެ އެވެ. ފެއާއަށް ޒިޔާރާތްކުރާ ފަރާތްތަކަށް، އެތަކެތި ބަލައިލުމާއި، އެއާ ބެހޭ ތަފާތު މައުލޫމާތުތައް ހޯދައި، އެފަރާތަތްކުން ޝައުގުވެރިވާ ބޯޓްތަކާއި ޑައިވިން ސާމާނާއި އެނޫން ވެސް އާލާތްތަށް އަމިއްލައަށް ތަޖްރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޖަރުމަނުގެ ޑަސެލްފޯޑްގައި މި މަހުގެ 21 އިން 31 އަށް ކުރިއަށްދާ 47 ވަނަ އިންޓަނޭޝަނަލް ބޯޓް ޝޯގެ ތެރެއިން -- ޓްވިޓާ ފޮޓޯ: ބޫޓް ޑަސެލްފޯޑް
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބުނީ، އެ ކުންފުންޏާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ އިތުރު އަށް ކުންފުންޏަކުން ޖުމުލަ 18 މަންދޫބުން ބޫޓް ފެއާގައި ރާއްޖެ ތަމްސީލްކުރާނޭ ކަމަށެވެ.
މި ފެއާގައި ރާއްޖޭން ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ، ފީނުމަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ބޭރުދުނިޔޭގައި ރާއްޖެ އިތުރަށް އިސްތިހާރުކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. މީގެ އިތުރުން މި ފެއާގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޖަރުމަނުގެ ފަތުރުވެރިކަންކުރާ ފަރާތްތަކާ ގުޅުންބަދަހިވެ، ޖަރުމަނުން ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު މިހާރަށް ވުރެ އިތުރުވެގެން ދާނޭ ކަމަށް ވެސް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ ކުންފުނިން ބުންޏެވެ.

ޖަރުމަނުގެ ޑަސެލްފޯޑްގައި މި މަހުގެ 21 އިން 31 އަށް ކުރިއަށްދާ 47 ވަނަ އިންޓަނޭޝަނަލް ބޯޓް ޝޯގެ ތެރެއިން -- ޓްވިޓާ ފޮޓޯ: ބޫޓް ޑަސެލްފޯޑް
ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ އެންމެ ދުވަސްވީ މާކެޓްތަކުގެ ރޭގައި ޖަރުމަނު އަބަދުވެސް ހިމެނެ އެވެ. ޖަރުމަނުން 2015 ފަނަރަ ވަނަ އަހަރު ރާއްޖެ އަށް ފަތުރުވެރީން ޒިޔާރާތްކުރި އަދަދު 9640 އަށް އަރާއިރު އެއީ 2014 ވަނަ އަހަރާ އަޅައިބަލާ އިރު 6.9 ޕަސެންޓް އިތުރު އަދަދެކެވެ.
ޖަރުމަނަކީ ރާއްޖެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ 8.2 ޕަސެންޓް ހިއްސާކުރާ، ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ދެވަނައަށް އެންމެ ބޮޑު މާކެޓެވެ.