އަށްސަތޭކައެއްހާ ފުލުހުންނަށް މި މަހު 10ގައި އެއްފަހަރާ ޕްރޮމޯޝަން ދީފި ކަމަށް ބައެއް ފަރާތްތަކުން ބުނެފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު އަހުމަދު ޝިޔާމު ވެސް ވިދާޅުވީ ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކަށް ޕްރޮމޯޝަން ދީފައިވާ ކަމަށެވެ. އެކަމަކު ޕްރޮމޯޝަން ދިނީ ކިތައް މީހުންނަށް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ. އެކަމަކު ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި 800 ވަރަކަށް މީހުންނަށް ވަނީ ޕްރޮމޯޝަން ދީފަ އެވެ.

ފުލުހުން ބުނީ ޕްރޮމޯޝަން ދިން ފުލުހުންގެ އަދަދު މި ވަގުތު ހާމަ ކުރެވެން ނެތީ ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންތައްތައް ފުރިހަމަ ނުކުރެވޭތީ ކަމަށެވެ.

މީޑިޔާ އޮފިޝަލު ވިދާޅުވީ ޕްރޮމޯޝަން ދީފައި ވަނީ ޕޮލިސް ކޮންސްޓަބަލްގެ ރޭންކާއި ޗީފް ސްޓޭޝަން އިންސްޕެކްޓުގެ ރޭންކާ ދެމެދުގެ މަގާމް އަދާ ކުރަމުން އައި ފުލުހުންނަށް ކަމަށެވެ.

ފުލުހުން ބުނީ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާނެ ކަމަށެވެ. އަދި މިފަހަރު ޕްރޮމޯޝަން ލިބިފައި ހުރި ފުލުހުންނަށް ވުރެ ގިނަ މީހުންނަށް ވެސް ޕްރޮމޯޝަން ދީފައިވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އޮފިސާ ލެވެލްގެ މީހުންނަށް ޕްރޮމޯޝަން ބޯޑުން ދޭން ނިންމި ޕްރޮމޯޝަން ވަނީ ހިފަހައްޓައިފަ އެވެ. ނަމަވެސް ފުލުހުންގެ މީޑީއާ އޮފިޝަލް އެކަން ދޮގުކުރައްވަ އެވެ.