ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ވަފުދެއް އަންނަ ފެބްރުއަރީ މަހު ރާއްޖެ އައުމަށް ސަރުކާރުން ދައުވަތު ދީފައިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ ރާއްޖޭގެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސީމެގް މިނިސްޓަރުން އަންނަ މަހު ރާއްޖެ އަންނާނެ ކަމަށެވެ.

ސަރުކާރުން މިހެން ބުނެފައިވާއިރު ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ވަފުދެއް އަންނަ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ ތަރުޖަމާނު ވެސް ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކެމެރަން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ޑެއިލީ މެއިލަށް ދެއްވި އިންޓަވިއުއެއްގައި އިނގިރޭސި ބޮޑުވަޒީރު ހުންނަވާ ގެކޮޅުގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ބަންދުގައި ތިބި ސިޔާސީ ބޭފުޅުންނާ ބެހޭ ގޮތުން ދިވެހި ސަރުކާރަށް ދޭން ޖެހޭ މެސެޖް ދިނުމަށް ކޮމަންވެލްތުގެ މެމްބަރު ގައުމުތަކަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ރާއްޖޭގައި ޑިމޮކްރަސީ ނެތެމުންދާ ކަމުގެ ކަންބޮޑުވުން ބައިނަލް އަގުވާމީ މަޝްރަހުގައިފާޅު ކުރައްވާނެ ކަމަށް ކެމެރަން ނަޝީދު އަރިހުގައި ވިދާޅުވި ކަމަށް ވެސް ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.