23 Jan 2016, 23:06
ޅ. ނައިފަރު ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ޓައިނީ އައިލެންޑް ބީޗް ކިޔާ ސަރަޙައްދަށް މޫދަށް އެރިއުޅުނު މީހަކު އޮޔާ ދަނިކޮށް ފުލުހުން އޭނާ ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ ސަލާމަތްކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މޫދަށް އެރިއުޅުނު މީހަކު އޮޔާދާކަށް ނައިފަރު ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:15 އެހާކަށްހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އެ މައުލޫމާތު ފުލުުހުންނަށް ލިބުމާއި ގުޅިގެން އެ ސަރަހައްދަށް ދެ ފުލުހަކު ދިޔަ ކަމަށެވެ. އަދި އެ ދެ ފުލުހުން ފަތާފައި ގޮސް އެ މީހާ ސަލާމަތް ކުރީ ނައިފަރާއި 500 މީޓަރު ދުރުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހާ ސަލާމަތްކޮށް އެސަރަޙައްދުގައި އޮންނަ ވެލާ ކޮށްޓެއްގެ މައްޗަށް އެރުވި ކަމަށެވެ. އަދި އެ މީހާގެ ހާލު ގޯސްވުމާއި ގުޅިގެން އާއްމު ރައްުޔިތުންގެ އެހީތެރިކަމާއެކު ޑިންގީއެއްގައި ނައިފަރަށް ގެންގޮސް އެމީހާއަށް ފަރުވާދިނުމަށްޓަކައި ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އެސަރަހައްދަށް މޫދަށް ގޮސްފައިވަނީ އެމީހާގެ އާއިލާގެ މެމްބަރުންނާއެކުއެވެ. އަދި އެމީހާ އޮޔާ ގޮސްފައިވަނީ ބޯޅައެއް ނެގުމަށް ފަތާފައިދަނިކޮށެވެ.