މިއަދު މާލެއަށް ބަނދަރުކުރި އެމެރިކާގެ "ސަން ޕްރިންސް" ކްރޫޒް ލައިނާއި އިޓަލީގެ "ކޮސްޓާ ނިއޯރިވެރާ" ކްރޫޒް ލައިނުން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ އަރައިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓު (މާޔާ)ގެ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ މިއަދު ރާއްޖެ އައި ދެ ކްރޫޒް ލައިނުން މާލެ ފޭބި ފަތުރުވެރިންގެ ސީދާ އަދަދު ދަންނަވަން ދަތި ކަމަށެވެ.

"މިހާރު މާލެ ފައިބާނެ ކަމަށް އަޅުގަނޑުމެންނަށް އެނގިފައި އޮތް އަދަދަށް ވުރެ ގިނައިން ވެސް މަދުން ވެސް ފައިބަފާނެ ދެއްތޯ. އެހެން ސީދާ އަދަދެއް ދަންނަވަން ދަތި ވަނީ އެހެންވެ. ބައެއް ފަރާތްތައް ހުރެދާނެ ކުރިން ފައިބާނެ ކަމަށް ބުނެފައި އެހެންނަމަވެސް ފަހުން ބޯޓު ބަނދަރު ކުރީމަ ފައިބަން ބޭނުން ނުވާނެ މީހުން،" އޮފިޝަލު ވިދާޅުވި އެވެ.

މިއަދު ރާއްޖެ އައި ދެ ކްރޫޒް ލައިން: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އޭނާ ވިދާޅުވީ މިއަދު ރާއްޖެ އައި ދެ ކްރޫޒް ލައިނުން ފޭބި ގިނަ މީހުންނަކީ އަލަށް ރާއްޖެ އައި މީހުން ކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރުގެ ތެރޭގައި އިތުރު ކްރޫޒް ލައިނުތައް ރާއްޖެ އައުމަށް ނިންމާފައިވާ ކަމަށެވެ.

"ހަގީގަތުގައި ފަތުރުވެރިކަމަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މި ކްރޫޒް ލައިނުތައް ރާއްޖެ އައިމަ. ރާއްޖެ އަށް ލިބިގެންދާނެ ވަރަށް ބޮޑު އިޝްތިހާރެއް މިއީ ދެއްތޯ،" އޮފިޝަލު ވިދާޅުވި އެވެ.

މިއަދު އައި ކްރޫޒް ލައިންގެ ތެރެއިން އިޓަލީގެ ކްރޫޒް ލައިން ""ކޮސްޓާ ނިއޯރިވެރާ" އިން ފޭބި ފަތުރުވެރިން: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިއަދު ރާއްޖެ އައި ދެ ކްރޫޒް ލައިންގެ ތެރެއިން އެމެރިކާގެ "ސަން ޕްރިންސް" ކްރޫޒް ލައިން ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ފުރާފަ އެވެ. ނަމަވެސް އިޓަލީގެ ކްރޫޒް ލައިން ""ކޮސްޓާ ނިއޯރިވެރާ" ފުރާނީ މާދަމާގެ ވަގުތެއްގަ އެވެ.

މިއީ މިއަހަރުގެ ތެރޭގައި ރާއްޖެ އައި ހަތަރުވަނަ ކްރޫޒް ލައިނެވެ.