23 Jan 2016, 19:20
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ވަފުދެއް އަންނަ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
މިހާރު އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކެމެރަން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ޑެއިލީ މެއިލްއަށް ދެއްވި އިންޓަވިއުއެއްގައި އިނގިރޭސި ބޮޑުވަޒީރު ހުންނަވާ ގެކޮޅުގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ބަންދުގައި ތިބި ސިޔާސީ ބޭފުޅުންނާ ބެހޭ ގޮތުން ދިވެހި ސަރުކާރަށް ދޭން ޖެހޭ މެސެޖް ދިނުމަށް ކޮމަންވެލްތުގެ މެމްބަރު ގައުމުތަކަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.
ރާއްޖޭގައި ޑިމޮކްރަސީ ނެތެމުންދާ ކަމުގެ ކަންބޮޑުވުން ބައިނަލް އަގުވާމީ މަޝްރަހުގައިފާޅު ކުރައްވާނެ ކަމަށް ކެމެރަން ނަޝީދު އަރިހުގައި ވިދާޅުވި ކަމަށް ވެސް ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދާއި ކެމެރަން ބައްދަލުކުރެއްވިކަން ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ޓީމުގައި ހިމެނޭ ޖެރާޑް ޖެންސާ ކުރިން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެ ބައްދަލުވުމާ ބެހޭ ތަފުސީލެއް ރައީސް ނަޝީދުގެ ފަރާތްޕުޅުން އަދި ހާމައެއް ނުކުރެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ވަކީލު އާމާލް ކްލޫނީ ޑައުނިން ސްޓްރީޓް ނަމްބަރ10 ގެ ބޭރުގައި. ފޮޓޯ: ޑެއިލީ މެއިލް
މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ނަޝީދު އިނގިރޭސިވިލާތަށް ދަތުރުކުރެއްވުމަށް ސަރުކާރުން ހުއްދަ ދިނުމުން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އެހެން ބައެއް ގައުމުތަކާއި ކޮމަންވެލްތުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅުގައި ސްރީލަންކާގައި މަޑުކުރައްވައި އެ ގައުމުގައި ތިއްބަވާ، ބައެއް ގައުމުތަކުގެ ޑިޕްލޮމޭޓުންނާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.