ޑިޕާޓްމަންޓު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އެއްވެސް ގައުމެއްގެ ބަޔަކަށް ތަފާތު ކުރުންތަކެއް ގެންގުޅެފައި ނުވާނެ ކަމަށް އެ ޑިޕާޓުމަންޓު ބުނެފި އެވެ.

ބަންގުލަދޭޝްގެ ނޫހެއް ކަމަށްވާ ޑާކާ ޓުރެއިންގައި ޝާއިއުކޮށްފައިވާ ހަބަރަކާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޑިޕާޓުމަންޓުން ކުރިއަށް ގެންދާ އެއްވެސް އޮޕަރޭޝަނެއްގައި އެއްވެސް ގައުމެއްގެ ބަޔަކަށް ތަފާތުކޮށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ޑިޕާޓުމަންޓުން މިހާތަނަށް ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީން ރާއްޖެއިން ޑީޕޯޓު ކުރަމުން ނުދާނެ ކަމަށް އެއްވެސް ފަރާތެއްގައި ދަންނަވާފައި ނުވާނެ ކަމަށް ވެސް އިމިގްރޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީންގެ ތެރެއިން ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓު ކުރަންޖެހޭ ފަރާތްތައް ޑީޕޯޓުކުރަމުންދާނެ އެވެ،" ބަޔާނުގައިވެ އެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ ކަންތައްތައް މެނޭޖު ކުރުމުގެ ގޮތުން މިދިޔަ އަހަރު ހާއްސަ ޕްރޮގުރާމުތަކެއް ހިންގާފައިވާ ކަމަށެވެ. އެ ޕްރޮގުރާމުތަކުގެ ތެރެއިން "ޝެއާޑް ރެސްޕޮންސިބިލިޓީ" ޕްރޮގުރާމުގެ ދަށުން ސައްހަ ލިޔެކިޔުމެއް ނެތި އުޅެމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށެއްގެ ތުހުމަތެއް ނެތް އަދި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް އިމިގްރޭޝަނަށް ރިޕޯޓުކޮށްފައި ނުވާ ފަރާތްތައް ގަވާއިދާއި އެއްގޮތަށް އުޅުމުގެ ފުރުސަތު ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"މިގޮތުން މި ޕްރޮގުރާމުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މި ޑިޕާޓުމަންޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އެހެންކަމުން ޝެއާޑް ރެސްޕޮންސިބިލިޓީ ޕްރޮގުރާމުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް މަޑު ކުރުމަށް ހުޅުވާލި ފުރުސަތު ވަނީ ބަންދުކުރެވިފަ އެވެ،" ބަޔާނުގައިވެ އެވެ.

އިމިގްރޭޝަނުގެ ބަޔާނުގައި ބުނީ ބަންގުލަދޭޝްގެ ޑާކާ ޓުރިބިއުންގައި އިޝާރާތް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި މަސައްކަތް ކުރަން ތިއްބާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 33 ބިދޭސީންގެ ވާހަކަ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ޑީޕޯޓު ކުރަންޖެހޭ ފަރާތްތައް ޑީޕޯޓު ކުރާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.