އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އެއްވެސް އަސާސެއް ނެތި ހިންގަމުންދާ ދައުވާއެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ހިނގަމުންދާ ގާނޫނާއި ހިލާފު ކަންތައްތަކާ ގުޅިގެން ޝެއިހް އިމްރާން ވާހަކަފުޅުދައްކަވާތީ ސަރުކާރުން އޭނާގެ އަޑު ކަނޑުވާލަން ބޭނުންވާ ކަމަށެވެ. އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ބޭނުމަކީ ރައީސް ޔާމީން ކުރައްވާ ޣައިރު ގާނޫނީ ކަންތަކުގެ ވާހަކަ ދައްކާ ދީނީ ޢިލްމުވެރިޔަކު އެކަހެރިކުރުން ކަމަށެވެ.

"އަދި ސަރުކާރާއި ހިޔާލުތަފާތު ކޮންމެ ދީނީ އަދި ސިޔާސީ ފަރާތްތަކުގެ މައްޗަށް ދައުވާއުފުލައި އަނިޔާވެރިވުމަށް މަސައްކަތްކުރަމުންދާތަން ފެންނަމުންދާ ކަމަށާއި، ޝެއިޚު އިމްރާންގެ މައްޗަށް އުފުލާފައިވަނީ ގާނޫނީ އެއްވެސް ހުއްޖަތެއްނެތި ހަމައެކަނި ދީނީއިލްމުވެރިންނަށް ބިރުދެއްކުމުގެ ނިޔަތުގައި އުފުލާފައިވާ ދައްވާއެއްކަމަށް ވާތީ އެކަން މިޕާޓީއިން ކުށްވެރިކޮށް ޝެއިހު އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ދޫކޮށް އެމަނިކުފާނު މިނިވަންކުރުމަށް މިޕާޓީއިން ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ މިއަދު ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާ މެދު އެ މީހަކަށް ފެންނަ ހިޔާލެއް ފާޅު ކުރުމާއި އަދި އިހުތިޖާޖު ކުރުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީން ލިބިގެންދާ ހައްގެއް ކަމަށެވެ.

"ވެރިކަމުގައި ހުންނަވާ ބޭފުޅަކު ގާނޫނުން ބޭރުން، ހިންގަވާ ކަންތަކާއި، ހައްގެއް ނެތި މީހުން ހައްޔަރުކޮށް، ސިޔާސީ ދައުވާތައް އުފުލުމާއި، ދިވެހި ދައުލަތުގެ ތެރޭގައި ހިނގާ ގާނޫނާއި ޚިލާފު ކަންތަކުގެ ވާހަކަދައްކާ ކޮންމެ މީހެއްގެ މައްޗަށް ދައުވާއުފުލައި، އެ މީހަކަށާއި އެމީހެއްގެ އާއިލާއަށް ބިރުދައްކާ މުޖްތަމަޢައުން އެއްކިބާކޮށް ޖަލައްލާން ކުރާ މަސައްކަތް މިޕާޓީން ކުށްވެރިކުރަމެވެ." އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.

އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

ނަމަވެސް އިމްރާން ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފައެވެ.

އެ ދައުވާ ސާބިތުކުރަން ދައުލަތުގެ ފަރާތުން ހުށަހެޅި 16 ހެކީގެ ތެރޭގައި މޭ އެއްވަނަ ދުވަހު އެއްވުމުގައި ސޯޝަލް ސެންޓަރާ ދިމާލު ބޮޑުތަކުރުފާނު މަގުގައި އިމްރާން ހުރެ ދެއްކި ވާހަކައިގެ ވީޑިއޯ އާއި އިމްރާން ތަހުގީގަށް ދީފައިވާ ބަޔާނުގެ އިތުރުން މުޒާހަރާކުރުމަށް ބުނެ އަދާލަތު ޕާޓީން ފުލުހުންނަށް ފޮނުވި ނޯޓިހާއި ގަވާއިދާ އެއްގޮތަށް މުޒާހަރާކުރަން އަންގައި ފުލުހުން އަދާލަތު ޕާޓީއަށް ފޮނުވި ސިޓީވެސް ހިމެނެ އެވެ. އޭގެ އިތުރުން ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ރިޕޯޓުތަކާކާއި ސިއްރުހެކިންވެސް ހުށަހަޅާފަ އެވެ.

އިމްރާންގެ ފަރާތުން ދިފާއުގައި ހުށަހަޅާފައި ވަނީ އެންމެ ހެއްކެކެވެ. އެއީ އެކެއް މޭ ދުވަހު މުޒާހަރާ ފެށުމުގެ ކުރިން އާޓިފިޝަލް ބީޗުގައި ހުރެ މުޒާހަރާގެ ބައިވެރިންނާ އިމްރާން ދެއްކި ވާހަކައިގެ ވީޑިއޯ އެވެ.