24 Jan 2016, 09:33
ކުޑަ ސިޓިން ރޫމުގައި ބާއްވާލާފައި އެ އޮތީ 25 އަހަރުގެ ޒުވާނެކެވެ. އުފަންވުމުގައި ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އޭނާ އަށް ހިނގާ ބިނގާވެ ނޫޅެވޭއިރު ވާހަކަ ދައްކައެއް ވެސް ނުހެދެ އެވެ. އެއީ ވިހެއުމުގެ ތެރެއިން ދިމާވާ ނުކުޅެދުންތެރި ބައްޔެއް ކަމަށްވާ "ސެރެބަޕަލްސީ" ޖެހިފައިވާ ޒުވާނެކެވެ. ހަމައެކަނި ފަޓުލޫނެއް ލައިގެން އޮތް އެ ޒުވާނާ އޮށޯވެ އޮތީ ވެސް ސިޓިން ރޫމުގެ ހަރު މުށިތައް މަތީ އެވެ. އެއީ ދުވަހުގެ ގިނަ ވަގުތު އޭނާ ހޭދަކުރާ ތަނެވެ. އެހާ ސާފުތާހިރު ނޫން އެސިޓިން ރޫމުގައި އެޒުވާނާގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތައް ވެސް އުޅެ އެވެ.
މި ފާހަގަކުރީ ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ ސިޓީއަށް ނިސްބަތްވާ ގެއެއްގައި އޮތް ނުކުޅެދުންތެރިކަން ހުރި ފަރާތެއްގެ ވާހަކައެކެވެ. ގަސްތުގައި ވިޔަސް ނުވަތަ ގަސްތަކާ ނުލައި ވިޔަސް އެޒުވާނާގެ ބެލެނިވެރިންގެ ފަރާތުން ފެންނަމުން އެ ދަނީ އެފަދަ ކުއްޖަކާ މެދު އަޅާލަން ޖެހޭ ގޮތެއް ނޫނެވެ. ނުކުޅެދުންތެރިކަމުގެ ސަބަބުން އެތައް ހައްގަކުން އެކުއްޖާ އެވަނީ ދުރުކޮށްފަ އެވެ. އެޒުވާނާގެ އައިޑީ ކާޑު ހަދާފައި ވެސް ވަނީ އުމުރުން 25 އަހަރުވި ފަހުން މިދިޔަ އަހަރު ތެރޭގަ އެވެ. އިހަކަށް ދުވަހާ ހަމައަށް އެޒުވާނާ ޑޮކްޓަރަށް ދައްކާފައި ވެސް ވަނީ އެންމެ ފަހަރަކު އެވެ. އެއީވެސް ނުކުޅެދުންތެރިކަން ހުރި މައްސަލައެއްގައެއް ނޫނެވެ.
ކަން ހިނގާފައިވާ ގޮތަކީ ވޭތުވެދިޔަ 25 އަހަރު ތެރޭގައި ނުކުޅެދުންތެރި ކަމުން ސަލާމަތް ކުރުމަށް އެ ޒުވާނާ ޑޮކްޓަރަށް ދައްކާފައިނުވާ އިރު ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން ލިބެން ޖެހޭ ހައްގުތަކުން ވެސް އެ ޒުވާނާ މަހުރޫމްވެފައި ވުމެވެ. ފަރުވާއެއް ދީފައި ނުވާތާ ތައުލީމެއް ވެސް ލިބި ދީފައިނުވެ އެވެ. ވޭތުވެދިޔަ 25 އަހަރު އެޒުވާނާ ހޭދަކޮށްފައި ވަނީ އެފަދަ ފަރާތްތަކަށް ލިބެން ޖެހޭ އަޅާލުން ނުލިބި އެވެ.
އެ ޒުވާނާގެ ބެލެނިވެރިއަކަށް ހުރީ މަންމަ އެވެ. މަންމައާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި ދިރިއުޅުމުގައި ދިމާވާ ދަތިތަކާ ހަރަދުތަކުގެ ސަބަބުން އެ ޒުވާނާއަށް އެންމެ ރަނގަޅު އަޅާލުން ވެސް ވަނީ ފޯރުކޮށް ނުދެވި އެވެ. އެގޮތުން ނެޕީ ޖަހައިގެން އުޅޭ އެޒުވާނާގެ ނެޕީ ބަދަލުނުކުރެވި 24 ގަޑިއިރަށް ވުރެ ގިނައިރުވާ ކަން އެޒުވާނާގެ މަންމަގެ ފަރާތުން މައުލޫމާތު ލިބެ އެވެ. އެ އުމުރުގެ ކުއްޖަކު އެއް ނެޕީއެއްގައި 24 ގަޑިއިރު ހޭދަކުރަން ޖެހުނީމަ ދިމާވާނެ ދަތިތައް އިހްސާސްކޮށްލާށެވެ.
އިސްވެ ފާހަގަކުރި ޒުވާނާ ފަދަ އެތައް ބަޔަކު މިރާއްޖޭގައި ދިރިއުޅެމުން ދެއެވެ. އެމީހުންނަށް ދިމާވެފައި ހުންނަ ނުކުޅެދުންތެރިކަމުގެ ސަބަބުން މީހުންގެ އަޅާލުމާއި ލޯބި ނުލިބޭތާ މީހުންގެ ނުރުމުހާއި ކުރިމަތިލާން ޖެހޭ އެތައް ބަޔަކު މިރާއްޖޭގައި އެބައުޅެ އެވެ. ނުކުޅެދުންތެރިކަމުން އަރައިގަންނަން މީހުންގެ އެހީ ލިބުމުގެ ބަދަލުގައި އަބަދު އެހާލުގައި އުޅެންޖެހިފައިވާ އެތައް ފަރާތެއް ވެސް މިރާއްޖޭގައި އެބައުޅެ އެވެ.
ނުކުޅެދުންތެރި ކަމެއް ހުންނަ ފަރާތެއް ނަމަ "ބުލީ" ކުރުމާއި އެމީހަކާ ފޮށުމަކީ ރާއްޖޭގައި އަދިވެސް އޮތް ސަގާފަތެކެވެ. އެފަދަ ބައެއް ފަރާތްތަކަކީ އަވަހަށް ރުޅިއަންނަ ފަރާތްތަކެއް ކަމަށް ވާތީ ފޫހި ފިލުވުމުގެ ގޮތުން އެފަދަ މީހުން ރުޅިއަރުވައި އެ ފަރާތްތަކުގެ އަތުން ގޯސް ހެދުމަށް މަސައްކަތް ކުރުމަކީ ވެސް ކަންހިގަމުން އަންނަ ކަންކަމެވެ. އެއީ ބައެއް މީހުންނަށް އުފަލެކެވެ. ނަމަވެސް އެއީ ލާއިންސާނީ އަމަލެކެވެ.
ކުއްޖާ އުފަންވެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަން ފާހަގަވާ ހިސާބުން ވެސް އެފަދަ ކުދިންނަށް ފަރުވާދިނުމަށް މަސައްކަތް ކުރަން ޖެހޭ އިރު އެކިއެކި މަޖުބޫރީތަކާ ގުޅިގެން ނަމަވެސް އެފަދަ ކުދިންނަށް އަޅާނުލެވިވާކަން މަދެއް ނޫނެވެ. ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން އެލަވަންސްތައް ދޭއިރު އެކަމުގައި ވެސް ރަޖިސްޓްރީ ނުކުރުމުގެ ސަބަބުން އެ އެހީ ނުލިބޭ ކުދިން ވެސް މަދެއް ނޫނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމުގައި 11 އަހަރު ހޭދަކުރައްވާފައިވާ ޑިސްއެބިލިޓީ އެމްބެސަޑަރު އަހުމަދު ހިޝާން ވިދާޅުވާ ގޮތުގައި ދިވެހިން ގަބޫލް ކުރާ އެކި "ބޯދާ ވިސްނުންތަކާ" ގުޅިގެންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭކަންކަން ނޭންގުމުގެ ސަބަބުން ފޮރުވައިގެން ގެންގުޅޭ، ނުކުޅެދުންތެރިކަން ހުންނަ އެތައް ބައެއް ރާއްޖޭގައި އުޅެމުން ދާ ކަމަށްވެ އެވެ.
"ފޮރުވައިގެން ގެންގުޅޭ ކުދިން އަދިވެސް ބައިވަރު އެބަތިބި ރާއްޖޭގައި. ރަޖިސްޓްރީ ނުކޮށް ވެސް އެބަތިބި ބައިވަރު، އޭގެ މާނައަކީ އެކުދިންގެ ހައްގު އެ އޮތީ ނުލިބިތާ، އެ ކުދިންނަށް ދައުލަތުން ލިބެން ޖެހޭ ހައްގެއް ނުލިބިތާ މި އޮތީ،" ހިޝާން ވިދާޅުވި އެވެ.
އުފެދުމުގައި ނުވަތަ އެނޫން ވެސް ސަބަބަކާ ހުރެ ނަމަވެސް ނުކުޅެދުންތެރި ކަމެއް ކުރިމަތިވުމުން އެ މީހާ ވާންޖެހޭނީ ބޭކާރެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ އަކީ ވެސް އެތައް ހައްގެއް ލިބިގެންވާ މީހަކަށް ވާން ޖެހެ އެވެ. ހޭލުންތެރިކަން ކުޑަވެ އެފަދަ ފަރާތްތަކާ އަޅާނުލެވުމުގެ ސަބަބުން އެތައް ބަޔަކު އެ ވަނީ ނުކުޅެދުންތެރިކަމުގައި މުޅި އުމުރު ހޭދަ ކުރަންޖެހިފަ އެވެ.
ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިޝަތު ޝޫޖާ ވިދާޅުވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ ކަންކަމަށް މީހުން ހޭލުންތެރިކަން ދަށްވުމުގެ މައްސަލަތަކެއް ފާހަގަވެފައިވެ އެވެ. އެފަދަ ކަންކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގެއިން ބޭރަށް ނުގެންގޮސް ބާއްވައިގެން ބަލާކަން ފާހަގަކުރެވިފައިވާ ކަމަށް ޝޫޖާ ވިދާޅުވި އެވެ.
އެ ކުދިންނަކީ އުފަލާއި މަޖާ ކުރަން ބޭނުންވާ ކުދިންނަށް ވާއިރު ގެއިން ބޭރަށް ނުގެންގޮސް ބަލާ ކުދިން ވެސް މަދެއްނޫނެވެ. ސަބަބަކަށް ވެފައި ވަނީ އެ ކުދިންގެ ފަރާތުން އެހެން މީހަކަށް އުނދަގޫވެދާނެ ކަމުގެ ބިރު އޮތުން ނުވަތަ އެފަދަ ކުދިން ބޭރަށް ގެންގޮސް ހެދުމަށް އުފުލަން ޖެހޭ ތަކުލީފެވެ.
ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޝޫޖާ ވިދާޅުވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެގޮތަށް އަމަލު ކުރެވޭ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ މުޖުތަމައު އެ ކަމަށް ހޭލުންތެރިކަން ކުޑަވުމެވެ. ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން ޒިންމާ ނުނެގުމަކީ ވެސް އެފަދަ މައްސަލަތައް މެދުވެރިވުމަށް ދިމާވާ ސަބަބުތައް ކަމަށް ޝޫޖާ ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް އަޅާނުލެވި ވާނަމަ ނުވަތަ އެފަދަ ފަރާތެއްގެ މައުލޫމާތު ލިބިއްޖެ ނަމަ އެ ފަރާތްތަކަށް އަޅާލުމަށާއި ދޭން ޖެހޭ ހުރިހާ ހައްގުތަކެއް ހޯދައިދިނުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކުރެ އެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ މައުލޫމާތު ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ނުވަތަ ޖެންޑާ މިނިސްޓްރީއަށް އެންގުމުން އެފަދަ ފަރާތްތަކަށް އެހީތެރިވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމު ދިނުމަށާއި އެހީތެރިވުމަށް އެތައް ބަޔަކު މަސައްކަތް ކުރެ އެވެ. ނަމަވެސް އަދިވެސް ހިތާމައާއެކު ފާހަގަކޮށްލަން ޖެހޭކަމަކީ ހޭލުންތެރިކަން ދަށްވެގެން ނަަމަވެސް އަޅާނުލެވި އެތައް ކުދިންއެއް ތިބި ކަމެކެވެ. އެފަދަ ފަރާތްތަކުން އެހާ ހާލުގައި އުޅޭއިރު އެފަރާތްތަކަށް އަޅާލާނެ ބައެއްކަމުގައި އެންމެން ވާންޖެހެ އެވެ. ނުކުޅެދުންތެރިކަން ހުރި ނަމަވެސް ބާކީނުކޮށް ލޯބިދޭންޖެހެ އެވެ.