ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންއާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ނަޝީދު ކެމެރަންއާ ބައްދަލުކުރެއްވިކަން ހާމަ ކުރީ އެމަނިކުފާނުގެ ބައިނަލް އަގުވާމީ ގާނޫނީ ޓީމުގައި ހިމެނޭ އިނގިރޭސިވިލާތުގެ ވަކީލު ޖެރާޑް ޖެންސާއެވެ. ރައީސް ނަޝީދާއި ކެމެރަންގެ ބައްދަކުރެއްވުމާ ބެހޭ ތަފުސީލެއް ޖެންސާ ހާމަކޮށްފައެއް ނުވެއެވެ.

ކުރީގެ ރައީސް މުޙަައްމަދު ނަޝީދާއި އަނބިކަނބަލުން ލައިލާ އަލީ އަދި އާމާލް ކްލޫނީ ކެމެރަންއާއި އެކު ޑައުނިން ސްޓްރީޓް ނަމްބަރް 10 ގެ ބޭރުގައި ފޮޓޯއެއް ނަންގަވަނީ.

ޖެންސާ މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޑައުނިން ސްޓްރީޓް ނަމްބަރް 10 (އިނގިރޭސި ބޮޑުވަޒީރު ހުންނަވާ ގެކޮޅު) ގައި މިއަދު ބޭއްވި ބައްދަލުވުމަކީ އުފާވެރި ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގެ ދެ ފޮޓޯއެއް އޭނާ ވަނީ އެ ޓްވީޓްގައި ހިމަނާފައެވެ.

މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ނަޝީދު އިނގިރޭސިވިލާތަށް ދަތުރުކުރެއްވުމަށް ސަރުކާރުން ހުއްދަ ދިނުމުން އެމެރިކާއާއި އިނގިރޭސިވިލާތް އަދި އެހެން ބައެއް ގައުމުތަކާއި ކޮމަންވެލްތުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅުގައި ސްރީލަންކާގައި މަޑުކުރައްވާ އެގައުމުގައި ތިއްބަވާ، ބައެއް ގައުމުތަކުގެ ޑިޕްލޮމޭޓުންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.