23 Jan 2016, 15:48
ގދ. ވާދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ފުލުހުންގެ އިންޓެލިޖެންސާއި ގދ. ވާދޫ އަދި ގދ. ފަރެސްމާތޮޑަ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.
އެ މީހުންގެ ތެރެއިން 18 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި ހުވަދޫ އަތޮޅުގައި ދުއްވާ ފެރީއަކުން ގދ. ފަރެސްމާތޮޑާ ބަނދަރަށް ކައިރިކުރި ތަނުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުންނަށް ފުލުހުން ފެނުމާ އެކު އެ މީހުންގެ ތެރެއިން އެކަކު ވަނީ ފަރެސްމާތޮޑާ ބޭރު ތޮއްޓަށް ރަބަރު ކޮތަޅެއް އެއްލާލާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުން ކޮތަޅު އެއްލާލި ދިމާ ބަލައި ފާސްކުރި ރަބަރު ކޮތަޅެއް ފެނިފައިވާ އިރު އެ ކޮތަޅު ނަގައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 300 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ތެރެއިން 22 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ހައްޔަރު ބެލުމުގެ ދަށަށް ގެންގޮސްފައި މީހުންގެ ބަންދާމެދު ގޮތެއް ނިިންމުމަށް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން 22 އަހަރުގެ މީހާ އަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ އިރު 18 އަހަރުގެ މީހާ އާއި 19 އަހަރުގެ މީހާ އަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.