23 Jan 2016, 13:55
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފަރާތުން ޒިޔާރާތްކޮށް އެތަނަށް ގިނަ އަދަދެއްގެ ތަކެތި ހަދިޔާކޮށްފިއެވެ.
އެސްޓީއޯއިން ބުނީ، އެސްޓީއޯއާއި އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނިތަކުން، ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އިއްޔެ ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެގޮތުން، އެދަތުރުގެ މައިގަނޑު މަގުސަދަކީ، އެ މަރުކަޒުގެ ބަލީމީހުންނާ ބައްދަލުކޮށް، އެމީހުންގެ ހާލުބެލުމާއި، މަރުކަޒު ހިންގާ އިމާރާތުގެ ހާލަތު ބެލުމުގެ އިތުރުން އެތަނަށް ބޭނުންވާނެ ތަފާތު އެހީތައް ދެނެގަތުން ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
"މި ދަތުރުރުގައި އެސްޓީއޯއާއި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނިތަކުން މި މަރުކަޒަށް [ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް] ގިނަ އަދަދެއްގެ ތަކެތި ހަދިޔާކުރި،" އެސްޓީއޯގެ ޕްރެސް ރިލީޒެއްގައި ވެއެވެ.
ރައްޔިތުންނާއި ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓީއޯއިން މީގެ ކުރިންވެސް ވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި މަރުކަޒަށް ބޭނުންވާ އެހެނިހެން ތަކެތި ހަދިޔާކޮށްފައެވެ.