23 Jan 2016, 12:39
ކައިރޯ (ޖެނުއަރީ 23):ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމު ކުރުމަށާއި، ވެރިރަށަކީ އިރުމަތީ ގުދުސްގެ ގޮތުގައި ހަމަޖެއްސުމަށް ޗައިނާއިން ތާއިދު ކުރާ ކަމަށް އެގައުމުގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.
މިސްރުގައި ހުންނަ އަރަބި ލީގުގެ މައިއޮފީހުގައި ވާހަކަދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ޗައިނާއިން މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކަށް ފުރިހަމައަށް ތާއިދު ކުރާ ކަމަށެވެ.
"1967ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތައް އޮތް ގޮތަށް އަނެއްކާވެސް ބަދަލުކޮށް، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ގާއިމުކޮށް، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްގެ ގޮތުގައި ހެދުމަށް ޗައިނާއިން ތާއިދުކުރޭ،" ޝީ ވިދާޅުވި އެވެ.
މެދުއިރުމައްޗަށް ރައީސް ޝީ ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް ވަނީ އެ ސަރަހައްދަށް 55 ބިލިއަން ޑޮލަރުގެ ލޯނާއި އިންވެސްޓްމަންޓް ދެއްވާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ. އަދި ފަލަސްތީނުގައި އިރުގެ ހަކަތަ އުފައްދާ ސްޓޭޝަނެއް ގާއިމު ކުރުމަށްޓަކައި 7.6 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މިސްރުގެ އިތުރުން ޝީ ވަނީ ސައުދީ އަރަބިޔާ އަށް ޒިޔާރަތް ކުރައްވާފަ އެވެ އަދި އިއްޔެ ވަނީ އީރާނަށް ވަޑައިގަންނަވާފަ އެވެ.
ރައީސް ޝީ މިސްރަށް ވަޑައިގެންނެވީ ޗައިނާގެ ރައީސަކު މިސްރަށް ވަޑައިނުގަންނަވާތާ 12 އަހަރުވެފައި ވަނިކޮށެވެ. (އޭއެފްޕީ)