23 Jan 2016, 11:50
ސިޔާސީ ފަރާތްތަކުން ގައުމީ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ބަލަންވީ ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބުކުރުމަށް ނޫން ކަމަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އިޚްލާސްތެރިވުމަށް ސްރީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އެގައުމުގެ ސިޔާސީ ފަރާތްތަކަށް ގޮވާލައްވައިފި އެވެ.
ލަންކާގެ ހުޅަނގު އުތުރުގައި އޮންނަ ޕުޓަލަމް އަވަށުގެ ސްކޫލެއް ކަމަށްވާ އަދަރްޝާ މަހާ ވިދުޔަލަޔާގައި އަލަށް ގާއިމުކުރި ޓެކްނިކަލް ލެބޯޓަރީ ހުޅުވުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސިރިސޭނާ ވިދާޅުވީ، ގައުމަށް ކޮންމެހެން ބޭނުންޖެހިފައިވާ ކަންތައްތައް ހާސިލްކުރެއްވުމުގައި އެއްވެސް އަމިއްލަ އެޖެންޑާއެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ.
ސިރިސޭނާ ވަނީ، އެ ގައުމުގެ ޕާލަމަންޓުގެ މެންބަރުން ވެސް ޒިންމާދާރުކަމާ އެކު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ވަގުތުތައް ހޭދަކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވެފައިވާ ކަންތައްތައް ފަހިކޮށްދިނުމުގައި، ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ބާއްވާ ކައުންސިލްތަކުގެ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބަށް ބެއްލެވުމެއް ނެތި ރައްޔިތުންނަށް އިހްލާތެރިކަމާ އެކު ހިދުމަތްކުރެއްވުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.
ސިރިސޭނާ ވިދާޅުވީ، ސިޔާސީ އެއްވެސް ބޭފުޅަކު ލިބިދާނެ ވޯޓެއް ގެއްލިދާނެކަމުގެ ބިރަށްޓަކައި، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ނިންމަން ޖެހޭ ކަންކަން ފަސް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ތަރައްގީގެ މަގުގައި ރަނގަޅު ނިންމުމެއް ނިންމަން އެއްވެސް ފަރާތަކުން ފަސްޖެހިގެން ނުވާނެ،" ސިރިސޭނާ ވިދާޅުވި އެވެ.
ލަންކާގެ ބައެއް ސްކޫލްތަކަށް ޓީޗަރުންގެ ދަތިކަން ކުރިމަތިވެފައިވާ މައްސަލައިގައި ސިރިސޭނާ ވަނީ، އިތުރު ޓީޗަރުން ހޯދައިގެން ނަމަވެސް އެފަދަ ސްކޫލްތަކުގައި ހުސްވެފައިވާ ޓީޗަރުންގެ މަގާމުތަކަށްވީ އެންމެ އަވަހަކަށް ޓީޗަރުން ހަމަޖެއްސުމަށް ވެސް ކަމާގުޅޭ އިދާރާތަކަށް އިލްތިމާސް ކުރައްވައިފަ އެވެ.