23 Jan 2016, 11:01
ބެއިޖިންގް (ޖަނަވަރީ 22):ޗައިނާގެ ރައީސް ޝީޖިންޕިން އީރާނަށް ކުރައްވާ ދަތުރުފުޅުގައި ތެހެރާނަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި މިއަދު އޭނާ އީރާނުގެ ރައީސް ހަސަން ރޫޙާނީ އާއި ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި އާ ބައްދަލުކުރައްވާނެއެވެ.
ރައީސް ޝީ މި ދެބޭފުޅުންނާ ކުރައްވާ މަޝްވަރާތައް ބިނާކުރައްވާނީ ޗައިނާއިން އީރާނާއެކު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ބެހޭގޮތުންނާއި އަދި ސަރަހައްދީ މައްސަލަތަކާބެހޭގޮތުންނެވެ.
އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައިވުމާއެކު ޗައިނާގެ ކުންފުނިތައްވަނީ އީރާނުގެ ތެލާއި ގޭހާއި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުގައި އިންވެސްޓް ކުރުމަށް ކެތް މަދުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާގެ ރައީސް އީރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އެތަށް ބިލިޔަން ޑޮލަރެއްގެ އިގްތިސާދީ އެއްބަސްވުންތަކުގައި ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރާގޮތަށްވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި ޗައިނާގެ ރައީސްގެ އަރިހުގައި އެގައުމުގެ ބޮޑެތި ކުންފުނިތަކުގެ ވެރިންނާއި އިސް ވިޔަފާރިވެރިން ހިމެނޭ ވަފްދެއްވެސް ހިމެނެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައިވާތީ އީރާނާއެކު އިގްތިސާދީ މުޢާމަލާތް ކުރުމަށް ދުނިޔޭގެ ގައުމުތަކަށް މިހާރުވަނީ ފަސޭހަވެފައެވެ.
ޗައިނާގެ ރައީސް އީރާނުގެ ރައީސް ހަސަން ރޫޙާނީ އާއި ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ކުރައްވާ މަޝްވަރާތަކުގެ ތެރޭގައި އީރާނާއި ސައޫދީ އަރަބިޔާއާ ދެމެދުގައިވާ ޚިލާފުތައް ނައްތާލައި އެދެގައުމު ސުލްޙަ ވެރި ކުރުވުމުގައި މެދުވެރިއެއްގެ ބައި އަދާކުރުމަށް ޗައިނާ އެދޭ މައްސަލަވެސް ހިމެނޭނެ ކަމަށް ޚަބަރުތައް ބުނެއެވެ. ރައީސް ޝީ ވަނީ މި މައްސަލައާބެހޭގޮތުން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ ވެސް މަޝްވަރާ ކުރައްވާފައެވެ.
ރައީސް ޝީ ވަނީ މިދިޔަ ހަފްތާގައި ސައޫދީ އަށްވެސް ޒިޔާރަތް ކުރައްވާފައެވެ. އަދި އެއަށްފަހު ޝީ ވަނީ މިސްރަށްވެސް ދަތުރުފުޅެއް ކުރައްވާފައެވެ. (އަލްޖަޒީރާ)