ހދ. ނޭކުރެންދޫ ވަލު ތެރޭގައި ދަންޖެހިފައި ހުރި ޒުވާނަކު ފެނިއްޖެއެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޒާން މިއަދު ސަން އަށް ވިދާޅުވީ މިއަދު 9:30 ކަންހާއިރު އެރަށު ވަލުތެރެއިން ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ އުމުރުން 25 ވަރަކަށް އަހަރުގެ ޒުވާން ފިރިހެނެއް ކަމަށެވެ.

އޭނާގެ ވަނަވަރު އަދި ވަނީ ސާފްވާގޮތް ނުވެފައެވެ.

ދަންޖެހިފައި ހުއްޓާ ފެނުނު ޒުވާނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ސިޒާން ވިދާޅުވިއެވެ.

ސިޒާން ވިދާޅުވީ އެޒުވާނާއަކީ ކަންނެލި މަސްވެރިކަމުގައި އުޅޭ މީހެއް ކަމަށާއި އޭނާ އިއްޔެ ކަންނެލިދޯނިން ފައިބާފައިވާ ކަމަށެވެ.