18 Apr 2011, 16:53
އަންނަ މެއި މަހުން ފެށިގެން ސިޔާސީ ޕާޓީއެއްގެ ދަފްތަރުން ވަކިވާން އެދޭ ނަމަ ހުށަހަޅަން ޖެހޭނީ އެ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސިޔާސި ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ދަފްތަރު ބެލެހެއްޓުމަކީ އެ ޕާޓީއެއްގެ ކަމެއް ކަމަށެވެ. އަދި ޕާޓީ އަށް ވަންނަ ފަރާތްތަކާއި ވަކިވާ ފަރާތްތަކުގެ މައުލޫމާތު ކޮމިޝަނަށް އެންގުމަކީ ވެސް އެ ޕާޓީއެއްގެ މަސްއޫލިއްޔަތެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އިލެކްޝަންސް އިން ބުނެފައި ވަނީ ސިޔާސީ ޕާޓީއަކުން ވަކިވާން އެދޭ ނަމަ އެކަން ހުށަހެޅުމުން މިހާތަނަށް ވެސް ދަފްތަރުން އުނިކޮށްދީފައިވާނެ ކަމަށެވެ. އެކަމަކު އަންނަ މެއި މަހުން ފެށިގެން ސިޔާސީ ޕާޓީތަކުން ވަކިވުމަށް އެދި ހުށަހަޅާ ސިޓީ ބަލައިނުގަންނާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
"...ނަމަވެސް 2011 މެއި އެކެއްވާ އާދީއްތަ ދުވަހުން ފެށިގެން މިގޮތަށް އަމިއްލަ ފަރާތްތަކުން ޕާޓީން ވަކިވާން ހުށަހަޅާ ސިޓީ އާއި ފޯމް ބަލައިނުގަންނަ ގޮތަށް މި ކޮމިޝަނުން ވަނީ ނިންމައިފައި،" އިލެކްޝަންސްގެ އިއުލާނުގައިވެ އެވެ. "ޕާޓީން ވަކިވާން އެދޭ ފަރާތްތަކުން އެ ޕާޓީއަކަށް ހުށަހަޅުއްވައިގެން ޕާޓީން ވަކިވެވަޑައިގެންނެވޭނެ."
މީގެ އިތުރުން އިލެކްޝަންސް އިން ބުނެފައި ވަނީ ޒަރޫރީ ބޭނުމަކަށް ޓަކައި އަވަހަށް ޕާޓީން ވަކިވުމަށް އެދި، އެކަށީގެންވާ މުއްދަތެއްގައި ޕާޓީން އެކަންތައް ހަމަޖައްސައިނުދީފި ނަމަ އެކަން އެ ކޮމިޝަނަށް ހުށަހެޅުމުން އެ މައްސަލައެއް ބަލާނެ ކަމަށެވެ.