23 Jan 2016, 09:29
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހާއްސަ އޮޑިޓް ތަހުގީގް ކުރާ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުގެ މީޑިއާ އޮފިޝަލް މުހައްމަދު ނަސީމް މިއަދު ސަން އަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ތަހުގީގު ހިންގާ ފަރާތްތައްކަމަށްވާ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެފަރާތްތަކުން ވަކި އެއްޗެއް އެންގިހާ އަވަހަކަށް އެއޮޑިޓް އާންމު ކުރެވޭނެ ކަމަށްވެސް ނަސީމް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ އޮޑިޓް މީގެ ދެ ހަފްތާކުރިން ނެރެން ނިންމި ނަމަވެސް އަދި މިހާތަނަށް އެއޮޑިޓް ނެރެފައެއް ނުވެ އެވެ.
ސަރުކާރުން ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން އެމްއެމްޕީއާރްސީ ހިންގާފައިވާ ގޮތުގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓް އޮފީހަށް އަންގައިފަ އެވެ. އޮޑިޓާ ޖެނެރަލްއަކަށް ހުންނަވަނީ އެ މުއްދަތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ ބޭބެ ހަސަން ޒިޔަތު އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރުސީގެ އެ ހާއްސަ އޮޑިޓް ތައްޔާރު ކުރުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެ އޮޑިޓް ތައްޔާރުކުރާނީ އެސިސްޓެޓް އޮޑިޓާ ޖެނެރަލް އައިމަން އިބްރާހިމްގެ ބެލުމުގެ ދަށުން ކަމަށެވެ.
އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިރު އެކުންފުންޏާ ގުޅޭ ގޮތުން ތަފާތު މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ.