ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުނެފިއެވެ.

މިރޭ ނ. ވެލިދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމާމެދު ސުވާލު ނުއުފެދޭ ކަމަށާއި އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

"ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނެ. އެހެން ނަމަވެސް އެމަނިކުފާނު އެނބުރިވަޑައިގަންނަވާނީ މިގައުމަށާއި، ރައީސް ނަޝީދަށް ވެސް ފަރުވާ ލިބި، މިނިވަނެއްގެ ގޮތުގައި،" ނިޔާޒު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެޕާޓީގެ ޕާލަމެމްޓްރީ ގްރޫޕްގެ ނައިބު ލީޑަރު ޒޮރައިނާ އަދާމައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވެސް ބައިވެރިވެވަޑައިގަތެވެ.

ޖަލްސާގައި ވާހަކަފުޅުދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އިނގިރޭސިވިލާތައް ވަޑައިގެން ފިއްލަވާނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށާއި އެމަނިކުފާނު ފިއްލަވައިފިނަމަ ވާނީ "ފިލިއަންނި" އަށް ކަމަށެވެ.

ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ވަޑައިގަތުމަށް ރައީސް ނަޝީދަށް ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން ޑޮކްޓަރުދޭ ލަފަޔަކަށް ބެލުމަށްފަހު އިތުރު އިނިރޭސިވިލާތުގައި ހުންނެވުމުގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ރައީސް ނަޝީދަށް ބޭސްފަރުވާއަށް އިނގިރޭސިވިލާތުގައި ހުރެވޭނީ ޖުމްލަ 45 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.