މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، ޅެންވެރިންނަށް ޚާއްސަ އެވޯޑެއް ދޭން ދިވެހިބަހުގެ އެކެޑެމީއިން ނިންމައިފި އެވެ.

ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ހއ.ހޯރަފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، ގައުމީ ފެންވަރުގެ ޝަފަރުވެރި ޅެންވެރިންގެ އަގު މިހާރަށް ވުރެ ވެސް ބޮޑަށް ވަޒަން ކުރެވޭނެ މަގު ތަނަވަސް ކުރުމަކީ އެ އެކެޑެމީގެ އަމާޒެއް ކަމަށެވެ.

ރަން ކޯޅިތަކާއި ރަން ގޮފިކޮޅުތަކާއި، އަދަބީ މާކޯޅިތަކާއި ޚިދުމަތުގެ ރަންފަތް ފަދަ ޝަރަފުތައް ލިބޭނެ މަގުތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ތަނަވަސް ކުރުުމަށް، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޅެންވެރިކަމުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ދިވެހި ބަހުގެ އެކެޑެމީޢިން ޚާއްސަ ޝަރަފަކާއި އިނާމެއް ދޭނެކަން އަޅުގަނޑު އިޢުލާނު ކުރަން،" އަޝްރަފް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ޝާއިރުއްޝަބާބު އަލްއުސްތާޒް އިބްރާހިމް ޝިހާބުގެ ހަނދާނުގައި ފާހަގަ ކުރެވޭ ޅެންވެރިންގެ ދުވަސް މިއަހަރު ރަސްމީކޮށް ފާހަގަ ކޮށްފައިވަނީ ހއ.ހޯރަފުށީގަ އެވެ. ހޯރަފުށީގައި ޖަލްސާ ބޭއްވީ، އެރަށަށް ނިސްބަތްވާ މަޝްހޫރު ޅެންވެރިޔާ އަލްމަރްހޫމް އާދަމް ސަލީމް ގެ ހަނދާނުގަ އެވެ.

ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް ވިދާޅުވީ، ހޯރަފުށީ އާދަމް ސަލީމް ދުނިޔެ ދޫކުރެއްވީ، ދިރުންހުރި އެތައް ފޮތެއް ހުޅުވާލައްވާފައި ކަމަށެވެ.

"އެފޮތްތައް ހުރީ ދިވެހި ގައުމުގެ ހަފަރާތުން ވިދާލައި ވިދާލައި. ސަލީމްބެ ހުޅުއްވި ފޮތްތައް މިރޭ މި ފެންނަނީ މި ރީތި ގުލިސްތާނުން، އެކި ފަންނާއި އެކި ޢިލްމުގެ ދާއިރާތަކުން ތަޢުލީމު ހާސިލު ކޮށްގެން ތިބި ހަރުދަނާ ބޭބޭފުޅުން. ހޯރަފުށި ފަޚުރުވެރިވާ ފަދަ ދަރީން މިއީ،" އަޝްރަފް ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން އެކެޑެމީއިން އިސްނަގައިގެން، ޅެންވެރިކަމުގެ ފަންނު ދިރުވާ އާލާކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަން ފެށި "ޅެންވެރިކަމުގެ ފަންނު ދިރުވައި އާލާކުރުމުގެ ޚާއްސަ ޕްރޮގްރމުުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނާއި މެދު ރާއްޖެ ތެރެއިން ގިނަ މުދައްރިސުންނާއި ދަރިވަރުންތަކެއް ތަމްރީނު ކުރެވިފައިވާ ކަމަށެވެ.

"މި މަސައްކަތުގެ ދަށުން އައްޑޫއާއި ހުވަދޫ އަތޮޅާއި، ހއ. ގެ ބައެއް ރަށްރަށުންނާއި، މެދުރާއްޖެ ތެރޭގެ ބައެއް ރަށްރަށާއި މާލޭގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި މުދައްރިސުން މި ފަންނަށް އަހުލުވެރި ކުރެވި، އަސާސީ ތައުލީމު ދެވިފައިވާކަން ފާހަގަ ކުރަން،" އަޝްރަފް ވިދާޅުވި އެވެ.