22 Jan 2016, 18:28
ބަޔާން މިއުނިކްގެ ޖަރުމަނު ގޯލު ކީޕަރު މެނުއަލް ނޯޔާ އެ ކުލަބް ދޫކޮށް އެހެން ކުލަބަކަށް މުސްތަގްބަލްގައި ބަދަލުވާން ޖެހިދާނެ ކަމަށް ބުނެފިއެވެ.
ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ނޯޔާ ބުނީ ބަޔާންގައި އޭނާ ހޭދަކުރަމުން ދަނީ އުފާވެރި ހިތް ހަމަޖެހޭ ދުވަސްތަކެއް ކަމަށާއި ނަމަވެސް އަބަދަ އެ ކުލަބުން ނުފެނުމަކީ އެކަށީގެން ވާ ކަމެއް ކަމަށެވެ.
"އަހަރެންނަކަށް ނުބުނެވޭނެ ކޮންމެވެސް ދުވަހަކުން އެހެން ކުލަބަކަށް ދާން ބޭނުން ނުވެދާނެ އެކޭ. ބޮޑެތި ކުލަބު ތަކުގައި އަބަދަކު ނެވެސް ތިބެވޭން. ޒުވާން މޮޅެތި ކީޕަރިން އަންނަނީ އެއްދުވަހުން އެނެއް ދުވަހަށް އިތުރު ވަމުން،" ނޯޔާ ބުންޏެވެ.
ޝާލްކޭ އިން 2011 ވަނަ އަހަރު ބަޔާން އަށް ބަދަލުވި ނޯޔާގެ ކޮންޓްރެކްޓް ހަމަވާން ތިން އަހަރު އޮތް އިރު ވޭތުވެ ދިޔަ ތިން އަހަރުގައި ވެސް ދުނިޔޭގެ އެންމެ މޮޅު ކީޕަރުގެ މަގާމު އޭނާ ވަނީ ހޯދާފައެވެ. އޭގެ އިތުރުން ބަޔާންއާއެކު ތިން ބޮންޑަސްލީގް އުފުލާލުމަށް ފަހު ހަތަރު ވަނަ ލީގް ތަށި އުފުލާލުމަށް ބަޔާން ތައްޔާރު ވަމުން އަންނަ އިރު ނޯޔާ އަންނަނީ އެ ޓީމްގެ ގޯލު ހުށިޔާރު ކަމާއި އެކު ބަލަހައްޓަމުންނެވެ.
ޖަރުމަނު ލީގްގެ އެންމެ ކުރުގައި ނުވަ ޕޮއިންޓްގެ ލީޑް އަކާއި އެކު ބަޔާން އޮތް އިރު ނޯޔާ ބުނީ އެ ޓީމް އެ ހިސާބަށް އައިސްފައިވަނީ އޮޓެމެޓިކުން ނޫން ކަމަށާއި ޓީމު އެ ހިސާބަށް އައުމުގައި ހުރީހާ ކުޅުންތެރިންނާއި ކޯޗުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.
"ވޭތުވެ ދިޔަ ތިން އަހަރު ލީގް އުފުލާލުމަކީ ފަސޭހަ ކަމެއް ނޫން. އަހަރެމްން މިހާ ހިސާބަށް މިއައީ އިދިކޮޅަށް ކުޅޭ ޓީމަށް ހަދިޔާތަކެއް ދީގެންނެއް ނޫން. މެޗުތައް ކުޅެ ހިތްވަރާއި އެކު ކާމިޔާބް ކޮށްގެން،" ނޯޔާ ބުންޏެވެ.
ޖަރުމަން ލީގްގައި އެއްވެސް ޓީމަކަށް ޖެހިޖެހިގެން ހަތަރު ފަހަރު ލީގް ކާމިބާ ކޮށްފައި ނުވާ އިރު ނޯޔާ ބުނީ އޭނާ އާއި މުޅި ޓީމުގެ ވެސް އަމާޒަކީ މި ސީޒަނުގެ ލީގް ކާމިޔާބް ކޮށް ޖަރުމަން ލީގްގައި ފުރަތަމަ ފަހަރަށް ޖައްސަ ޖައްސައި ގެން ހަތަރު ފަހަރު ލީގް އުފުލާލުމުގެ ސަރަފް ލިބިގަތުން ކަމަށެވެ.