22 Jan 2016, 18:27
ވޮޝިންޓަން (ޖެނުއަރީ 22): ޑިއުޓީގައި ހުރެ އަށް އަންހެނަކަށް ޖިންސީ އަނިޔާ ކުރުމުގެ ކުށުގައި އެމެރިކާގެ ކުރީގެ ފުލުހެއް ކަމަށްވާ ޑެނިއެލް ހޯލްޓްޒްކްލޯގެ މައްޗަށް 263 އަހަރުގެ ޖަލު ހުކުމެއް އިއްޔެ ކޮށްފި އެވެ.
ތޭރަ އަންހެނަކު ހޯލްޓްޒްކްލޯގެ މައްޗަށް އުފުލި ޖިންސީ އަނިޔާ ކުރިކަމުގެ 36 ދައުވާ ތެރެއިން 18 ދައުވާ އޭނާގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭގެ ތެރޭގައި ހަތަރު އަންހެނަކު ރޭޕް ކުރުންވެސް ހިމެނުނެވެ.
ހޯލްޓްޒްކްލޯއާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް ތަހުގީގު ކުރި ފަރާތްތަކުން ބުނި ގޮތުގައި އޭނާ ވަނީ ފުލުހަކަށް ވުމުން އޭނާއަށް ލިބިދޭ ބާރުތަކުގެ ނާޖާއިޒު ފައިދާ ނަގައި، ފަގީރު ސަރަހައްދުތަކުގައި ދިރިއުޅޭ ކުށުގެ ރިކޯޑު އޮންނަ އަންހެނުނަށް އަނިޔާކޮށްފަ އެވެ.
ޖިންސީ އަނިޔާ ކުރުމުގެ ދައުވާ ހޯލްޓްޒްކްލޯގެ މައްޗަށް އެންމެ ފުރަތަމަ ކުރީ 57 އަހަރުގެ އަންހެނެކެވެ. އެއަންހެންމީހާ އެދައުވާ ކުރުމުގެ ކުރިންވެސް ހޯލްޓްޒްކްލޯ ޖިންސީ އަނިޔާ ކުރާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް ގިނަ ޝަކުވާތައް ކޮށްފައިވާ ކަމަށް ކޯޓު ޑޮކިއުމެންޓްތަކުގައިވެ އެވެ.
ފާއިތުވި ހަ އަހަރު ތެރޭގައި އެމެރިކާގެ 1000 ފުލުހުންގެ މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ކުށް ސާބިތުވެފައިވާ ކަމަށް އޭޕީން ރިޕޯޓުކުރެ އެވެ.