އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކެޓަޕިލާ ފިނޭންޝަލް ސާވިސާސްގެ އޭޝިޔާ ބްރާންޗުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ފަރާތުން ހޯދަން އެދޭ 2.9 މިލިއަން ރުފިޔާއަކީ މޫސަ ދައްކަންޖެހޭ އެއްޗެއް ނޫން ކަމަށް މޫސަގެ ގާނޫނީ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މޫސަގެ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ މޫސަ ގެރެންޓީ ދެއްވައިގެން ހެވީލޯޑް މޯލްޑިވްސްއިން ނަގާފައިވާ ލޯނުގެ މައްސަލައިގައި ހެވީލޯޑް މޯލްޑިވްސް އާއި ކެޓަޕިލާއާ ދެމެދު އާ އެއްބަސްވުމެއްވެފައިވާ ކަމަށެވެ. އަދި އެ ސެޓްލްމަންޓް އެގްރިމެންޓުގައިވާ ގޮތުގެ މަތިން ކުރިން ހަދާފައިވާ ހުރިހާ އެގްރިމެންޓުތަކެއް ބާތިލްކޮށްފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ ކެޓަޕިލާގެ ފަރާތުން ދައުވާކޮށްފައި ވަނީ ހެވީލޯޑުން ނެގި ލޯނަށް މޫސަ ގެރެންޓީ ދިނުމަށް ހަދާފައިވާ އެގްރިމެންޓުގެ ދަށުން ކަމަށެވެ. އެކަމަކު އެއީ ސެޓްލްމަންޓް އެގްރިމެންޓުގެ ދަށުން ބާތިލްވެފައިވާ އެގްރިމެންޓެއް ކަމުން އެ އެގްރިމެންޓުގެ ދަށުން ދައުވާ ކުރުމުގެ ހައްގު ކެޓަޕިލާއަށް ލިބިގެން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ދައުވާގައި ކެޓަޕިލާއިން ހޯދުމަށް އެދިފައިވާ ފައިސާއަކީ މޫސަ ދައްކަންޖެހޭ އެއްޗެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވަކީލު ކޯޓުގައި އެދިވަޑައިގަތެވެ.

މީގެ އިތުރުން މޫސަގެ ފަރާތުން ޝަރީއަތުގައި ވިދާޅުވީ ހެވީލޯޑް މޯލްޑިވްސްގެ ފަރާތުން ވަރަށް އަވަހަށް ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާ ދައްކައި ނިންމާނެ ކަމަށެވެ.
މޫސަގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ކެޓަޕިލާގެ ވަކީލު އިދްހާމް މުއިއްޒު އަދުނާނު ވިދާޅުވީ ލޯނު އެއްބަސްވުން ނުވަތަ މޫސަ ލޯނަށް ގެރެންޓީ ދީފައިވާ އެއްބަސްވުން ބާތިލް ކުރުމުގެ މުއާމަލާތެއް ކެޓަޕިލާއިން އެއްވެސް އިރެއްގައި ހަދާފައި ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ މޫސަގެ ފަރާތުން ޝަރީއަތަށް ހުށަހެޅި ސެޓްލްމަންޓް އެގްރިމެންޓުގައި ސޮއިކޮށްފައި ވަނީ ހެވީލޯޑް ސިންގަޕޯ އާއި ކެޓަޕިލާއާ ދެމެދު ކަމަށެވެ. ވަކީލު ވިދާޅުވީ ސެޓްލްމަންޓް އެއްބަސްވުމަކީ މި ޝަރީއަތާ ގުޅޭ ޑޮކިއުމެންޓެއް ނޫން ކަމަށެވެ.

އެ ދައުވާ ހެވީލޯޑްގެ މައްޗަށް ސީދާ ނުކޮށް އޭގެ ބަދަލުގައި މޫސަގެ މައްޗަށް ދައުވާ ކުރަނީ ކީއްވެގެންތޯ ގާޒީ މަރިޔަމް ނިހާޔަތު ސުވާލު ކުރެއްވުމުން ވަކީލު ވިދާޅުވީ އެއީ ހެވީލޯޑުން ލޯނަށް ފައިސާ ނުދައްކައިފި ނަމަ އެ ފައިސާ ދައްކާނެ ކަމަށް މޫސަ އެއްބަސްވެފައިވާތީ ކަމަށެވެ. އަދި ގެރެންޓާ އެގްރިމެންޓުގައި މޫސަ ވަނީ އޭނާގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމަށް އެއްބަސްވެފައި ކަމަށް ވަކީލު ވިދާޅުވި އެވެ.

މީގެ އިތުރުން ވަކީލު ވިދާޅުވީ މީގެ ކުރިން ހަމަ އެ މައްސަލައިގައި ހެވީލޯޑްގެ މައްޗަށް ވެސް ދައުވާކޮށްފައިވާ ކަމަށާއި އެކަމަކު ކޯޓުން ބޭރުން އެއްބަސްވުމަކަށް ދިއުމަށްޓަކައި ދައުވާ އަނބުރާ ނެގީ ކަމަށެވެ. އަދި ވިދާޅުވީ ސެޓްލްމަންޓް އެގްރިމެންޓަކީ އޭގެ ފަހުން ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި އެކަމަކު އެ އެގްރިމެންޓަށް ވެސް މޫސަ ކަމޭ އިހްތިރާމް ނުކުރައްވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ކެޓަޕިލާއިން ކުރާ ދައުވާގައި ބުނެފައި ވަނީ ފެބްރުއަރީ 19، 2007 ގައި ހެވީލޯޑް މޯލްޑިވްސްއާ ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް 700،000 ޑޮލަރުގެ ލޯނެއް ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ލޯނަށް ގެރެންޓީ ދީފައި ވަނީ މޫސަ ކަމަށް ވެސް އެ ދައުވާގައިވެ އެވެ. އެހެންކަމުން ހެވީލޯޑުން މިހާތަނަށް ނުދައްކާ އޮތް 189،446 ޑޮލަރު (2،921،257ރ.) މޫސަގެ ފަރާތުން ހޯދުމަށް އެދޭ ކަމަށް އެ ދައުވާގައިވެ އެވެ.

ދައުވާ ހުށަހެޅި އިރު ކެޓަޕިލާއިން ބުނެފައި ވަނީ 318،743 ޑޮލަރު މިހާތަނަށް ނުދައްކާވާ ކަމަށެވެ. އެކަމަކު މިއަދު ބުނެފައި ވަނީ ލިޔުމުގެ ކުށަކުން އެ އަދަދު ޖެހުނީ ކަމަށާއި ރަނގަޅު ގޮތަކީ 189،446 ޑޮލަރު ކަމަށެވެ.