ކްރިމިނަލް ކޯޓުން އެކުލަވާލާފައިވާ ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގެ އުސޫލު އުވާލައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމުގެ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި އެވެ.

ސުޕްރީމް ކޯޓުން ބުނީ އެ ގަވާއިދަކީ ގާނޫނުއަސާސީގެ ހަތް ވަނަ މާއްދާ އާއި 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 96 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެއް ކަމަށެވެ.

އެ ގަވާއިދަކީ ޚަޞްމުން ނުވަތަ ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ބަޔާން ނެގުމަށް އުޒުރުވެރިވާ ހާލަތުތަކުގައި ޝަރީއަތް ހިންގުމުގައި އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެމަތިން އަވަސްކަމާއި ރައްކާތެރިކަމާއެކު އިންސާފު ފޯރުކޮށްދިނުމުގެ ގޮތުން އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ހިންގާނޭ އުސޫލުތައް ކަނޑައަޅާ ގަވާއިދެއް ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.

އެ ގަވާއިދުގައިވާގޮތުން ޝަރީއަތަށް މީހާ ހާޒިރުނުކޮށް ހެކިބަސް ނެގޭނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރަންޖެހޭ މީހާއަކީ ޝަރީއަތް ބާއްވާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ހުރި މީހެއް ކަމުގައިވާނަމަ، ޖިނާއީ ނުވަތަ މަދަނީ އިޖުރާއަތާ އެއްގޮތްވާގޮތުގެމަތިން އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ބަޔާންގަންޖެހޭ ފަދަ ޒަރޫރަތެއް އޮތް ކަމަށް ގަބޫލު ކުރެވޭނަމައެވެ.

ހެކިބަސް ނަގާ މީހާ އަކީ ކާކުކަން ހާމަކުރެވިއްޖެނަމަ، އޭނާއަށް ކުރިމަތިވެދާނެ ބިރެއް ނުވަތަ ނުފޫޒެއް އޮތްކަމަށް ބެލެވިގެން ކާކުކަން ހާމަކުރަން ނުޖެހޭގޮތަށް ހެކިބަސް ނަގަންޖެހޭ ކަމަށް ފެންނަ ކަމަށްވާނަމަ އެގޮތަށް ހެކިބަސް ނެގިދާނެ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.

އުމުރުން 18 އަހަރުން ނުފުރޭ ކުދިންގެ ހެކިބަސް ނެގުމުގެ އުސޫލުގެ ދަށުން އެކުއްޖަކު ޝަރީއަތުގެ މަޖިލީހަށް ދޭންޖެހޭ ހެކިބަސް ވެސް އެގޮތަށް ނެގިދާނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ، ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާނަމަ ނުވަތަ ކޯޓުން ވަކިގޮތަކަށް ކަނޑައަޅާފައިނުވާނަމަ، އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ހިންގާ ޝަރީއަތްތައް ކުރިއަށްގެންދަންވާނީ ހުޅުވާލެވިފައިވާ ޝަރީއަތުގެ މަޖިލީހެއްގައި ކަމަށެވެ.