ހަވާއި (ޖަނަވަރީ 22) : މިދިޔަ ހަފްތާގެ ކުރީކޮޅު ހަވާއިގެ ކައިރީގައި އެމެރިކާގެ ދެ ހެލިކޮޕްޓަރު ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުނު 12 މީހުން މަރުވެފައިވާކަމަށް ނިންމިކަން އެމެރިކާ ސިފައިން އިޢްލާންކޮށްފިއެވެ.

އެމެރިކާ ސިފައިން ނެރުނު ބަޔާނެއް ބުނިގޮތުގައި މި އެކްސިޑެންޓްގައި ކަނޑަށް ވެއްޓިގެން ގެއްލުނު އެމެރިކާ ސިފައިންގެ 12 މީހުން ހޯދުމަށް މަސައްކަތް ކުރަމުންގެންދާތާ 6 ދުވަސްވީއިރުވެސް އެމީހުންގެ އަސަރެއްވެސް ފެނިފައެއް ނުވެއެވެ. އެހެންކަމުން އެމެރިކާގެ ކޯސްޓް ގާޑުންވަނީ އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓާލާފައެވެ. އަދި އެމެރިކާ ސިފައިން ވަނީ އެ 12 މީހުން މަރުވެފައިވާކަމަށް ނިންމައި އެކަން އިޢްލާންކޮށްފައެވެ. އެ އެކްސިޑެންޓްގައި ގެއްލުނު އެމެރިކާ ސިފައިންގެ 12 މީހުންގެ އުމުރުވަނީ 21 އަހަރާއި 41 އަހަރާ ދެމެދުގައެވެ.

އެމެރިކާ ސިފައިންގެ ސީއެޗް 53 މަރުކާގެ ދެހެލިކޮޕްޓަރު ޖެހި މުޑިއަރާފައިވަނީ ތަމްރީންތަކެއް ހަދަމުން ދަނިކޮށް ހަވާއިގައިވާ އެމެރިކާ ސިފައިންގެ ކަނޑުގެ މަރުކަޒެއްގެ ކައިރީގައެވެ. (ރޮއިޓާސް)