ރާއްޖޭގެ ތުއްތު ކުދިން މާދަމާ ލޯހުޅުވާނީ އުންމީދީ ޖައްވަކަށް ކަމަށް އިނިކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"އުންމީދީ16" މިނަމުގައި ޕީޕީއެމާއި އެމްޑީއޭ ގުޅިގެން ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ތުއްތުކުދިން މާދަމާއަށް ލޯހުޅުވާނީ އަނިޔާއިން ދުރުވެ، އަމާން ޖައްވަކަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތުއްތު ކުދިން މާދަމާއަށް ލޯހުޅުވާނީ އުންމީދީ ޖައްވަކަށޭ. އަނިޔާއިން ދުރުވެ، ޕެއިން އެއީ މާޒީކަމުގައި ދެކިގެން ޕްލެޝާއާ ކައިރިއަށޭ. އާދެ އަމާން ޖައްވަކާ ކައިރިއަށޭ. އިރާދަކުރެއްވިއްޔާ ﷲ އަޅުގަނޑުމެންނަށް މި ނަސީބު ދެއްވާނެ. އެހެންވީމަ އެއްވެސް ޝައްކެއް ނުކުރައްނުކުރެވޭ. ދިވެހިރާއްޖެދާނީ ކުރިއަށް. 2018 އަކީ އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ އެއްޗެއް. 2018 އަކީ ޕްރޮގްރެސިވް ޕާޓީ އާއި އެމްޑީއޭ ކޯލިޝަން ވިންކުރާނެ އެއްޗެއް،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ހަރުދަނާ އިގްތިސޯދީ ބަދަލެއްގެ ތެރެއިން އިޖުތިމާއީ އަދާލަތު ގާއިމް ކުރުމަކީ ރައީސް ޔާމީންގެ އެންމެ ބޮޑު އެއް އަސާސް ކަމަށެވެ. އަދި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހަތް މިލިއަން ފަތުރުވެރިންނަށް އާދެވޭގޮތަށް ބޮޑުކުރުމަކީ އެކަމުގެ އެއް މިސާލު ކަމުގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ހަތް މިލިއަނަށް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތް ނުކޮށްފިނަމަ ދިވެހީންގެ އަތުން ތަރުވެރިކަން ބީވެގެންދިޔުމަކީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން ަކމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި އޭޝިއާ އިންފްރާންސްޓްރަކްޗާ ބޭންކުގައި ރާއްޖެއިން ބައިވެރިވެފައިވުމާއި އަދި ޗައިނާގެ ސިލްކުރޫޓުގައި ވެސް ރާއްޖެއިން ބައިވެރިވެފައިވުމަކީ ރާއްޖޭގެ އިގްތިސޯދު ހަރުދަނާކޮށް ކުރިއެރުވުމަށް އެޅި މުހިންމު ފިޔަވަޅުތަކެއް ކަމަށް މިނިސްޓަރު ސައީދު ފާގަކުރެއްވިއެވެ.

"އަޅުގަނޑު މިއަދު ރައީސް ޔާމީންގެ ކެބިނެޓު މެމްބަރެއްގެ ހައިސިއްޔަތުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވަނީ ރައީސްގެ އިގްތިސޯދީ ކޮންމެ ޕްލެޖެއް 2018 އަންނަންވާއިރަށް އިރާދަކުރެއްވިއްޔާ ދިވެހީންނާ ހަމައަށް އަޅުގަނޑުމެން ގެނެސްދޭނަމޭ،" ސައީދު ވިދާޅުވިއެވެ.

ތަރައްގީގެ އުންމީދެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ތެދުވުމަށް ވެސް މިނިސްޓަރު ސައީދު ރޭ ވަނީ ޒުވާނުންނަށް ގޮވާލައްވާފައެވެ.