22 Jan 2016, 09:53
މާލީ ގޮތުން ދަރަނިވެރިވެފައިވާ މައިންބަފައިންގެ ދަރީންގެ އަޚުލާގުގައި ކޮންމެވެސް ވަރަކަށް މައްސަލަތަކެއް ހުންނަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ޔުނިވާސިޓީ އޮފް ވިސްކޮންސިންއިން ކުރިޔަށް ގެންދިޔަ މި ދިރާސާއިން ދައްކާފައިވާ ގޮތުގައި، ކްރެޑިޓް ކާޑުގެ ދަރަނި އަދި މެޑިކަލް ބިލުތައް ފަދަ ދަރަނިތައް ބޮލުގައި އެޅިފައިވާ މައިންބަފައިން ތަރުބިއްޔަރު ކުރާ ދަރީންގެ އަޚުލާގުގައި މައްސަލަތަކެއް އުޅެ އެވެ. ދިރާސާއިން ދައްކާގޮތުގައި، ބެލެނިވެރިންގެ ދަރަނިތަކުގެ އަސަރު، ކުދިންގެ އަޚުލާގުން ފެނި ހާމަވެ އެވެ.
ދިރާސާއިން ދައްކާގޮތުގައި އަނބުރައި ދެއްކޭނެ ކަމުގެ ފުރިހަމަ ގެރެންޓީ ނެތް ލޯނުތަކަކީ މާ އަގުބޮޑު ތަކެތި ކަމަށް ވެފައި، އެފަދަ ދަރަންޏަކީ ކުރު މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ދަރަންޏަށް ވަނީ ވެފައެވެ. އެކަމާ ގުޅިގެން ބައެއް މައިންބަފައިންގެ ފަރާތުން ކަންބޮޑުވުމާއި ސްޓްރެސް ފަދަ ކަންކަން ފެންނަ އިރު، އެކަންކަމަކީ ދަރިން ތަރުބިއްޔަތު ކުރުމަށް އަސަރު ކުރުވާނެ ކަމެއް ކަމަށް ދިރާސާގައި ބުނެފައި ވެ އެވެ.
އެ ދިރާސާ ކުރިޔަށް ގެންދިޔައީ، 9،000 ކުދިންގެ މައިންބަފައިންނާ ސުވާލު ކޮށްގެންނެވެ. ދަރީންގެ އުޅުމާއި އަޚުލާގާ ބެހޭގޮތުން ސުވާލު ކުރުމަށްފަހު، މައިންބަފައިންގެ އެއްވެސް މާލީ ދަރަންޏެއް އަދާކުރަން އޮތްތޯ ސުވާލު ކުރެވުނެވެ.
ދިރާސާއިން ދެއްކި ގޮތުގައި، ގެރެންޓީ އޮންނަ ދަރަނިތައް އޮތް ބެލެނިވެރިންގެ ދަރީންގެ އަޚުލާގާއި އުޅުމުގައި މައްސަލަތައް މަދެވެ. އެހެން ނަމަވެސް، ބޮޑެތި ދަރަނިތައް ދައްކަން ޖެހޭ މައިންބަފައިންގެ ދަރީންގެ ތަރުބިއްޔަތުގައި، އެހެން ކުދިންނާ އަޅައި ބަލާއިރު މައްސަލަ ގިނަ އެވެ.