އެންމެން ވެސް ތިބީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށްފަހު ގައުމަށް ޚިދުމަތްކުރަން އެނބުރި ވަޑައިގަންނަވާނެ ކަމުގެ އިންތިޒާރުގައި ކަމަށްރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "އުންމީދީ16" މިނަމުގައި ޕީޕީއެމާއި އެމްޑީއޭ ގުޅިގެން ބޭއްވި މިރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

".....އެހެންނަމަވެސް އަޅުގަނޑުމެންގެ ރައީސްކަން ކުރެއްވި ބޭފުޅަކު އަޅުގަނޑު ގަބޫލުކުރަނީ އެމަނިކުފާނު ދެއްވި އިތުބާރާ އެކީ ބޭސްފަރުވާ ނިންމަވައިގެން ޝިފާ ލިބިވަޑައިގެން އަޅުގަނޑުމެންގެ ގައުމުގައި އަނެއްކާވެސް ޚިދުމަތް ކުރަން ވަޑައިގަތުމުގެ އިންތިޒާރުގައި އަޅުގަނޑުމެން ތިބިވާހަކަ މިރޭ ވެސް ދަންނަވާލަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރެއްވި ކޮންމެ ބޭފުޅަކީ ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝަޚްސެއް ކަމަށާއި އެއިން ބޭފުޅަކަށް ބަލިހާލަތެއް މެދުވެރިވެގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން އެކަން ހިފެހެއްޓުމަކީ އެމަނިކުފާނަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަކަށް ފަސޭހަކެއް ނޫން ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ކޮންމެ ބޭފުޅަކީ ވަރަށް އަގުހުރި ޚިދުމަތް ކޮށްދެއްވާ ޝަޚްސެއް. އެއިން ބޭފުޅަކަށް ބަލިހާލަތު މެދުވެރިވީމަ، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ވީމަ، އެކަމަށް އެދިވަޑައިގަތީމަ އަޅުގަނޑަށް އެއްގޮތަކަށް ވެސް އެބޭފުޅަކު ރާއްޖެއިން ބޭރަށް ވަޑައިނުގެން ހިފެހެއްޓުމަކީ ފަސޭހަކަމެއް ނޫން. އަޅުގަނޑަށް އެކަން އިހުސާސް ކުރެވެނީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ތަހަންމަލް ކުރަންޖެހުނު ހިތްދަތިކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނުން ބޭރުން، މީހުންގެ ނުރުހުމުގައި މީހުން ބަންދުކޮށް ހިފެހެއްޓުމަކީ ރާއްޖެއިން ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅޭގޮތުން ދައްކަވަމުން ގެންދަވާ ވާހަކަފުޅު މިރޭ ވެސް ރައީސް ޔާމީން ތަކުރާރު ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައި ކަމަށާއި އެ މައްސަލާގައި ރައީސް ޔާމީނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ. ރައީސް ނަޝީދަކީ ކުށުން ބަރީޢަވެގެންވާ މީހެއްކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދިނުން އޮތީ އެމަނިކުފާނުގެ އަތްޕުޅުމަތީގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެމަނިކުފާނުގެ މައްސަލަ އެއޮތީ ސުޕްރީމް ކޯޓުގައި. އެމަނިކުފާނަކީ ކުށުން ބަރީޢަވެގެންވާ މީހެއްކަން ސާބިތުކޮށްދެއްވަން ދިވެހި ރައްޔިތުންށް ސާބިތުކޮށްދިނުން އޮތީ އެމަނިކުފާނުގެ އަތްޕުޅުމަތީގައި. އެއީކީ އަޅުގަނޑާ ހަމާގައި ހުރި ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.