18 Apr 2011, 14:11
ކޮރަޕްޝަނުގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ހުއްޓާލަން އަންގައިފައިވާ 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލިތާ ގާތްގަނޑަކަށް ތިން މަސް ދުވަސް ފަހުން އެ ޕްރޮޖެކްޓާމެދު އަމަލުުރަންވީ ގޮތެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް އިމިގްރޭޝަނުން މިއަދު ނިންމައިފި އެވެ.
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލާ އަދި ސްޓޭޓް މިނިސްޓާ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، މެލޭޝިޔާގެ ނެކްސިބްޒް ކުންފުންޏާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހަވާލުކުރި ބޯޑާ ކޮންޓްރޯލް ގާއިމްކުރުމުގެ މަސައްކަތް އޭސީސީގެ އެންގުމަށް ހުއްޓާލުމަށްފަހު މަޑުކޮށްގެން ތިބީ އެ ޕްރޮޖެކްޓާ މެދު އަމަލުކުރަންވީ ގޮތެއްގެ ގާނޫނީ ލަފާ ބަންޑާރަ ނައިބު އޮފީހުން ހޯދުމަށް ކަމަށާއި އެ ލަފާ މިއަދު ލިބިފައިވާ ކަމަށެވެ. އަދި މިއަދު އޭޖީ އޮފީހުން ލިބުނު ލަފައަށް ބެލުމަށްފަހު، އިމިގްރޭޝަނުން ނިންމައިފައިވަނީ އެ ޕްރޮޖެކްޓާމެދު ގޮތެއް ނިންމުމަށް ކެބިނެޓަށް ހުށަހެޅުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އޭޖީ ސްޓެޕެއް ދެއްވައިފަ އޮތް. އެއީ ]ޕްރޮޖެކްޓް ކެބިނެޓަށް ފޮނުވުނަށް[. މިހާރު އޭޖީ ވިދާޅުވެފައި އެބަހުރި ވަރަށް ކްލިއާކޮށް ]ސާފުކޮށް[ ޕޮއިންޓްތަކެއް. ދެން އަޅުގަނޑުމެން އޭޖީ ވިދާޅުވި އެއްޗެކާއި އޭސީސީން ވިދާޅުވި އެއްޗަކާއި ހުރިހާ އެއްޗެއް އަޅުގަނޑުމެން އެއްކޮށްފައި ކެބިނެޓަށް ހުށަހަޅާނީ. ހުށަހަޅައިފަ ދަންނަވާނީ ]ޕްރޮޖެކްޓާމެދު ގޮތެއް ނިންމުމަށް[،" ޝާހިދު ވިދާޅުވި އެވެ.
ކޮންޓްރޯލާ ވިދާޅުވީ، ކުރިއަށް އޮތް ދެދުވަހެއް ތެރޭ އެ ހުރިހާ ލިޔެކިތުންތަކެއް ކެބިނެޓް އޮފީހަށް ފޮނުއްވާނެ ކަމަށެވެ.
ބަންޑާރަ ނައިބު އަލްއުސްތާޒް އަބްދުﷲ މުއިއްޒު ވިދާޅުވީ، ނެކްސިބްޒާއެކު އިމިގްރޭޝަނުން ސޮއިކޮށްފައިވާ އެގްރިމެންޓުގައިވާ މާއްދާތަކަށް ބަލާއިރު، އެ އެގްރިމެންޓް އުވާލުމުން ނުކުންނާނެ ގާނޫނީ މައްސަލަތަކާއި ލިބޭނެ ގެއްލުންތަކުގެ ތަފްސީލު އިމިގްރޭޝަނަށް ދިން ލަފާގައި ހިމަނާފައިވާ ކަމަށެވެ.
ނެކްސްބިޒް އިން ބުނެފައިވަނީ، ބޯޑާ ޕްރޮޖެކްޓް ހިޔާނާތުގެ ތުހުމަތުގައި ހުއްޓުމާ ގުޅިގެން އެކުންފުންޏަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމައިފަ އެވެ. ނަމަވެސް، ދައުވާ ކުރާނީ ކޮން ބަޔެއްގެ މައްޗަށް ކަމަށާއި ކިހާވަރެއްގެ ބަދަލެއް ހޯދުމަށް ކަމަށް ނެކްސްބިޒްއިން ނުބުނެ އެވެ.
ފިނޭންސްގެ ސްޓޭޓް މިނިސްޓާ އަހްމަދު އައްސަދު ވިދާޅުވީ، ނެކްސްބިޒްގެ މީހުން މާލެއައި ފަހަރުތަކުގަ ފިނޭންސް މިނިސްޓްރީއާއެކު ވެސް ބައްދަލުކޮށްފައިވާ ކަމަށާއި "ގޮތްހުސްވެއްޖެކަމަށް ވަންޏާ ކޯޓަށްދާނަމޭ" ވެސް އެކުންފުނިން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ހަމައެކަނި ވިސްނަނީ، ކޮންމެ ހާލަތެއްގައިވެސް ދައުލަތަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް ކަމުގައި އައްސަދު ވިދާޅުވި އެވެ؛ "ގޯސްކޮށް ކަމެއް ގޮސްފައި އޮތީ ކަމަށްވަންޏާ އެކަން ކެންސަލްކުރަންވީ. ގޯސްކޮށްކަމެއް ކޮށްފައި ނެތީކަމަށްވަންޏާ އެކަމެއް އޮތް ގޮތަކަށް ކުރިއަށްދާންވީ. ދެން ކޮންމެ ގޮތަކަށް ގެންދިޔަ ކަމުގައިވިޔަސް، ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުުން ނުވަަތަ ދައުލަތަށް ލިބޭ ފައިދާ ބޮޑުކުރުން މިކޮޅުގެ ވިސްނުމަށް އޮންނާނީ."
ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ޕްރޮޖެކްޓް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ހުއްޓާލަން އެންގީ ޖެނުއަރީ 24، 2011 ގަ އެވެ. އޭސީސީން އޭރު އިމިގްރޭޝަނަށް އަންގައިފައިވަނީ އެ ޕްރޮޖެކްޓުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނަމަ ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން އެ ފަރާތުން "ނިންމާ ނިންމެވުންތަކާ އެއްގޮތަށް އާރްއެފްޕީ )ރިކުއެސްޓް ފޯ ޕްރޮޕޯސަލް( ތައްޔާރުކުރައްވައިގެން، އަލުން ބިޑް ކުރައްވައިގެން ކުރިއަށް ގެންދެވުމަ"ށެވެ.
ޕްރޮޖެކްޓާމެދު ގޮތެއް ނިންމުމަށް ކެބިނެޓަށް ފޮނުވަން ނިންމި ނުންމުމާ ގުޅޭ ގޮތުން އޭސީސީގެ ރައީސް އިބްރާހިމް ލުތުފީ ވިދާޅުވީ، މިހާރު ކަންތައް ކުރިއަށްދަނީ އޭސީސީން ކުރިން އިރުޝާދު ދީފައިވާ ގޮތަށް ރަނގަޅަށް ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޭސީސީން އޭރު ބޯޑާ ޕްރޮޖެކްޓް ހުއްޓާލުމަށް އަންގައި ނެރުނު ބަޔާނުގައި ބުނަނީ، އެ ޕްރޮޖެކްޓުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދަންޖެހޭނީ "ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން އެ ފަރާތުން ނިންމަވާ ނިންމެވުންތަކާ އެއްގޮތަށް އާރްއެފްޕީ )ރިކުއެސްޓް ފޯ ޕްރޮޕޯސަލް( ތައްޔާރުކުރައްވައިގެން، އަލުން ބިޑް ކުރައްވައިގެން" ކަމަށެވެ. އެ ނިންމުން އޭރު ކޮންޓްރޯލާއަކަށް ހުންނެވި އިލްޔާސް ހުސެއިން އިބްރާހިމް ފުރަތަމަ ގަބޫލުނުކުރެއްވި ނަމަވެސް، ރައީސް އޮފީހުން އޭސީސީގެ އެންގުމަށް ތަބާވުމަށް އެންގެވުމުން ވަނީ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާލައިފަ އެވެ.