21 Jan 2016, 23:02
މިއަދު އިސްލާމީ އުންމަތަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި ކަމަކީ، އިސްލާމް ދީނުގެ ނަމުގައި ހިންގަމުން އަންނަ ޓެރަރިޒަމްގެ ޖަރީމާތައް ގިނަވުން ކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޤައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، އިސްލާމް ދީނަކީ ސުލްހަވެރިކަމާއި، އޯގާތެރިކަމަށް ގޮވާލައި ހަޟާރާތެއް ކަމަށެވެ. އެހެންކަމުން، މުޅި ދުނިޔޭގައި އާންމުވެފައިވާ ޓެރަރިޒަމްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި، އިސްލާމީ ޤައުމުތަކުގެ މުޖުތަމައުތަކުގައި އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ ސަގާފަތެއް ކުރިއަރުވަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ، ހަމަނުޖެހުމާއި ދެބަސްވުން ހައްލު ކުރުމަށްޓަކައި ސުލްހަވެރިކަން އިސްކުރުމަށް ދިވެހިރާއްޖެއިން ހިތްވަރުދޭ ކަމަށެވެ. އަދި ދީނީ މަގްސަދުތަކާއި ސިޔާސީ މަގްސަދުތަކެއް ހާސިލު ކުރުމަށްޓަކައި ހަމަނުޖެހުން ހިންގުމަކީ ދިވެހި ރާއްޖެއިން އެއްވެސް ގޮތަކަށް ތާއީދު ކުރާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ދުންޔާގެ ވާހަކަފުޅުގައި، ފަލަސްތީނުގައި އިސްރާއީލުގެ ރައްޔިތުން ޤަވައިދާ ޚިލާފަށް އާބާދުވަމުން ދާ ދިއުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށް ކަމުގައި ބަލައިގަތުމަށާއި، 1967 ގެ ކުރިން ފަލަސްތީނަށް ކަނޑައެޅުނު ބޯޑަރުތަކަށް ފަލަސްތީނު އަލުން އިޔާދަ ކުރުމަށް ދުނިޔޭގެ ޤައުމުތަކަށް އެކަމަނާ ވަނީ ގޮވާލައްވައިފައެވެ.
އަދި، ދާދި ފަހުން އިރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީއަށާއި، މަޝްހަދުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދެވުނު ހަމަލާ، ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރު ދުންޔާ ވަނީ ކުށްވެރި ކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ، ބޭރު ޤައުމެއްގެ ޑިޕްލޮމެޓިކް މިޝަނަކަށް ހަމަލާ ދިނުމަކީ ކަންބޮޑުވުމެއް ކަމަށާއި، މެހެމާންދާރީ އަދާކުރާ ޤައުމުން މިފަދަ ކަމެއް ކުރިމަތި ކުރުވުމަކީ ބައިނަލްއަޤްވާމީ، މުހިންމު މުއާހަދާތަކަކާ ޚިލާފު ކަމެއް ކަމަށެވެ.