ވޭތުވެދިޔަ 2015 އަހަރު ރާއްޖެއިން 3.4 ބިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު ރާއްޖެއަށް 31.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށް ކަސްޓަމްގެ ތަފާސް ހިސާބްތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކްސްޕޯޓުކުރި މުދަލުގެ އަގު 2014 އަހަރާއި އަޅާބަލާއިރު ވަނީ 19 ޕަސެންޓް އިތުރުވެފައެވެ. ވޭތުވެދިޔަ 2014 ވަނަ އަހަރުގެ ނިޔަލަށް 2.9 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު މިދިޔަ އަހަރު އެ އަދަދު ވަނީ 3.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ 23 ޕަސެންޓް އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވާ ސްރީލަންކާއަށް 12 ޕަސެންޓް މުދާ އެކްސްޕޯޓު ކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓު ކުރި ފުރާންސްއަށް 10 ޕަސެންޓް މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 31.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު 2014 ވަނަ އަހަރު ރާއްޖެއަށް އެތެރެކޮށްފައިވަނީ 31.6 ބިލިއަން ރުފިޔާގެ މުދަލެވެ. ތެލުގެ ބާވަތްތައް ނުހިމެނޭގޮތަށް ވޭތުވެދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ މިންވަރު 2014 ވަނަ އަހަރާ އަޅާބަލާއިރު ވަނީ 16 ޕަސެންޓް އިތުރުވެފައެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ތެރެއިން އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކަށެވެ. އިމްޕޯޓްކުރި ޖުމްލަ ކާބޯތަކެތީގެ އަގަކީ 779،5 މިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ 21 ޕަސެންޓެވެ.

ތެލުގެ ބާވަތްތައް ހިމެނޭގޮތަށް އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ 2014 ވަނަ އަހަރާއި އަޅާބަލާއިރު 20 ޕަސެންޓު ވަނީ އިތުރުވެފައެވެ. ފާއިތުވި އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2014 ވަނަ އަހަރު ލިބިފައިވަނީ 2.0 ބިލިއަން ރުފިޔާ އެވެ.