21 Jan 2016, 21:09
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިނގިރޭސި ވިލާތަށް މިއަދު ވަޑައިގެންފިއެވެ.
ރައީސް މުޙައްމަދު ނަޝީދުއަށް ލަންޑަން އެއާޕޯޓުން މަރުހަބާ ދެއްނެވީ އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އާއި އެމަނިކުފާނުގެ ބައިނަލްއަގުވާމީ ވަކީލުންގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އެވެ.

ރައީސް ނަޝީދު އާއި އަނބިކަނބަލުންގެ އިތުރުން އެމަނިކުފާނުގެ ވަކީލުން-- ފޮޓޯ: އެމްޑީޕީ
މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ކުރިން ކޮލޮމްބޯގައި ހުންނެވި ދެ ދުވަހުގެ ތެރޭގައި ވަނީ ލަންކާގައި ތިބި، ނަޝީދުގެ ސަޕޯޓަރުންނާއި އަދި އާއިލީ މީހުންނާ ބައްދަލު ކުރައްވައިފަ އެވެ.
ނަޝީދު ކޮލޮމްބޯގައި ހުންނެވި އިރު، އެމަނިކުފާނު ވަނީ ކޮލޮމްބޯގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތާ ބެހޭ މަޢުލޫމާތު އެބޭފުޅުންނާ ހިއްސާ ކުރައްވައިފަ އެވެ.
ރައީސް ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ދަތުރުފުޅަށް ސަރުކާރުން ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ވަނީ ސަރުކާރުން އެދުނު ގޮތުގެ މަތީން ގައިދީއަކު ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ސޮއިކުރަންޖެހޭ، ކަރެކްޝަނަލް ސާވިސްގެ ލިޔުންތަކުގައި ސޮއިކުރައްވައިފައެވެ.