ލަންޑަން (ޖެނުއަރީ 21):އިނގިރޭސިވިލާތުގައި ހުއްޓައި ރޭޑިއޯއެކްޓިވް މާއްދާއެއް ދީގެން މަރާލި ރަޝިއާގެ ކުރީގެ ޖާސޫސު، އެލްގެޒެންޑާ ލިޓްވިނެންކޯ މަރާލުމަށް އެންގެވީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ކަމަށްވުން "އެކަށީގެންވާ" ކަމަށް އިނގިރޭސިވިލާތުން އާއްމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދިޔަ ތަހުގީގަކުން ދައްކައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އިނގިރޭސިވިލާތުން ފެށި އެ ތަހުގީގު ނިންމާލުމަށް ފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، ރޭޑިއޯއެކްޓިވް މާއްދާއެއް ކަމަށްވާ ޕްލޯނިއަމް-210 ލިޓްވިނެންކޯގެ ސަޔަށް އަޅައި އޭނާ މަރާލީ ރަޝިއާގެ އެހެން ދެ ޖާސޫސުން ކަމަށްވާ އަންޑްރޭ ލޫގޮވޯއި އާއި ޑިމިޓްރީ ކޯވްޓޫން އެވެ.

ރޭޑިއޯއެކްޓިވް މާއްދާ އަޅާފައި ހުރި ސައި ބުއިތާ މާގިނަ ދުވަހެއް ނުވެ ލިޓްވިނެންކޯ މަރުވީ ރޭޑިއޯއެކްޓިވް ވިހައަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް 23 ނޮވެމްބަރު 2006ގައެވެ.

އިނގިރޭސިވިލާތުން ކުރިއަށް ގެންދިޔަ އެ ތަހުގީގުގެ ޗެއާ، ސަރ ރޮބާޓް އޮވެން ވިދާޅުވީ، ތަހުގީގުގައި އާއްމު ކުރި ހެއްކަށް ބެލުމަށް ފަހު ލިޓްވިނެންކޯގެ މަރުގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް ވަރަށް ބޮޑަށް ބުރަވެވެން އޮތް ކަމަށެވެ. އަދި، އެ ތަހުގީގުގައި އާއްމުކޮށްފައިނުވާ ބައެއް ސިއްރު މައުލޫމާތުން ދައްކާ ގޮތުގައި ލިޓްވިނެންކޯ މަރާލުމުގެ ހުއްދަ ދިނީ "2006 ވަނަ އަހަރު ރަޝިއާގެ ޖާސޫސީ އިދާރާގެ އިސް ފަރާތުގެ ގޮތުގައި ހުންނެވި ނިކޮލައި ޕެޓްރުޝެވް އާއި ރައީސް ޕުޓިން" ކަމަށް ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް ސަރ ރޮބާޓް ވިދާޅުވި އެވެ.

ލިޓްވިނެންކޯގެ އަންހެނުން، މަރީނާ ލިޓްވިނެންކޯ ވަނީ އެ ތަހުގީގުގެ ހޯދުންތަކަށް މަރުހަބާ ކިޔައިފައެވެ. އަދި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި އިނގިރޭސިވިލާތުގައި ތިބި ރަޝިއާގެ ހުރިހާ ޖާސޫސުން އިނގިރޭސިވިލާތުން ބޭރުކުރުމަށް އޭނާ ވަނީ ގޮވާލައިފައެވެ.

ލިޓްވިނެންކޯގެ މަރާ ބެހޭ ގޮތުން މިއަދު ނެރުނު އެރިޕޯޓުގައިވާ ގޮތުން ލިޓްވިނެންކޯ މަރާލުމަށް ރައީސް ޕުޓިން ބޭނުންފުޅުވީ، ރަޝިއާއާއި ރައީސް ޕުޓިންއާ ދެކޮޅަށް ލިޓްވިނެންކޯ ކިޔަމުންދިޔަ ފާޑު ކިޔުންތަކުގެ ސަބަބުން އުފެދުނު ރުޅިވެރިކަމުގެ ސަބަބުންނެވެ.

ރަޝިއާގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރުމުގެ ތެރޭގައި ލިޓްވިނެންކޯގެ މައްޗަށް ރަޝިއާއިން ކުރި ކުށުގެ ދައުވާއަކާ ގުޅިގެން އޭނާ އާއިި އޭނާގެ އާއިލާ އިނގިރޭސިވިލާތަށް ފިލައިގެން ގޮސް، އިނގިރޭސިންގެ ހިމާޔަތް ހޯދި އެވެ. އިނގިރޭސިވިލާތުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ތެރޭގައި ލިޓްވިނެންކޯ ވަނީ ރަޝިއާގައި އޮތް ރައީސް ޕުޓިންގެ ވެރިކަމަށް ގިނަ ފާޑު ކިޔުންތައް އަމާޒުކޮށްފަ އެވެ.

ލިޓްވިނެންކޯ މަރުވުމުގެ ކުރިން، އޭނާ ދިން ބަޔާނެއްގައި އޭނާގެ މަރުގެ ފަހަތުގައި ވަނީ ރައީސް ޕުޓިން ކަމަށް ލިޓްވިނެންކޯ ވަނީ ބުނެފަ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ އެ އިންކުއަރީ ވަނީ 'ސިޔާސީ'ކޮށްފައި ކަމަށެވެ. އެހެންކަމުން އެއީ ގަބޫލުކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ. (ނޫސްއޭޖެންސީތައް)